ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ޕްރައިމަރީ ބާއްވާ ތާރީހު ފަސްކުރިކަން ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައިވާ ޕާޓީގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ. ދެން ޕްރައިމަރީ ބާއްވާނީ މި ހިނގާ ޖެނުއަރީ 27، ގަ އެވެ.
މީގެ ކުރިން ވެސް ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފައިވެ އެވެ. މިދިޔަ ޑިސެމްބަރު 23، ވަނަ ދުވަހު ބާއްވަން ނިންމި ޕްރައިމަރީ މި ޖެނުއަރީ 20، އަށް ލަސްކުރީ ސްކޫލް ޗުއްޓީއާ ދިމާވާ ކަމަށް ބުނެ އެވެ.
ދެ ވަނަ ފަހަރަށް ޕްރައިމަރީ ލަސްކުރީ ކީއްވެކަން ޕީޕީއެމްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ޕީއެންސީގެ ޕްރައިމަރީ ދެވަނަ ފަހަރަށް ލަސް ކުރިއިރު، ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަކުވާތައް ގިނަކަން ފާހަގަކުރެވެ އެވެ.
ޕްރައިމަރީ ބޭއްވުން ފަސްކޮށްފައިވާއިރު، ބައެެއް ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި މަޖިލިސް އިންތިހާބުގެ ޓިކެޓު އެ ޕާޓީ އިން ދީފައިވެ އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައި އޮތީ މާޗު 17، ވަނަ ދުވަހު އެވެ.













