ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާ އޮންނާނީ ފެބްރުއަރީ މަހު ފަސްވަނަ ދުވަހު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވަނީ އެ ދުވަހު ހެނދުނު 9:00 ޖަހާއިރު ޖަލްސާ ބޭއްވުމަށް ކަމަށް އެ އިދާރާއިން ބުންޏެވެ.
ގާނޫނު އަސާސީގައި ބުނަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަވަން ޖެހެ އެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅު ކުރުމަށް އެ އަހަރު ދުވަހަށް ރައީސް ކުރައްވަވަން ރާވާފައިވާ ކަންކަން މަޖިލީހަށް އިއްވަވަން ޖެހެ އެވެ.
ނޮވެމްބަރު 17، ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާއަކަށް ވާނީ އެ ޖަލްސާ އެވެ.
ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއާ ހަމައަށް ދިޔައިރު އެމަނިކުފާނުގެ ވަޒީރުންނަށް އަދި މަޖިލީހުގެ ރުހުން ދީފައެއް ނުވެ އެވެ. މި ނިމުނު ދައުރު ނިންމާލީ، އެ މައްސަލާގައި ގޮތެއް ނުނިންމަ އެވެ.

މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ، ރައީސް މުއިއްޒުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. އެ ކަމުގައި ތަޅުމުން އަދި ގޮތެއް ނިންމަން ޖެހެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. އެމްޑީޕީގެ 55 މެންބަރުން އޭރު ތިބި ނަމަވެސް ފަހުން އޭގެ ތެރެއިން 14 މެންބަރަކު ވަނީ ވެރިކަންކުރާ ޕީއެންސީއަށް ގުޅިވަޑައިގެންފަ އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު މި އަހަރު މެއި މަހަށް ހަމަވެ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުން އޮތީ މާޗު 17، ގަ އެވެ.












