މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ރައީސް މުއިއްޒު ހުށަހަޅައިފި

ރައީސް މުއިއްޒު

ރައީސް މުއިއްޒު

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗް 15، ގެ ކުރިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރަށް ހުށަހަޅުއްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ކުރިއަށްދާ ބައްދަލުވުމަށް ރައީސްގެ ފަރާތުން ހުށަހެޅުއްވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަށް ކަމަށެވެ.

"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދެގައުމުގެ މެދުގައި މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީހުގެ ސީނިއާ ބޭފުޅުން ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްރެޓަރީގެ އިތުރުން އިންޑިއާއިން ވަޑައިގެން އުޅުއްވާ ބައެއް އެހެނިހެން އިސް ފަރާތްތައް ވެސް އެބަ ބައިވެރިވޭ. އަދި ހަމަ އެހެންމެ ރާއްޖޭގެ ފަރާތުން ވެސް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ ބައެއް އިސް ފަރާތްތައް އެބަ ބައިވެރިވޭ،" ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގަންނަވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް އިތުރަށް ވިދާޅުވީ އިންޑިއާގެ ސިފައިންނަށް ރާއްޖެއަކު ނުތިބެވޭނެ ކަމަށާއި ރައްޔިތުން ވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.

"މީގެ އެންމެ މުހިންމު ނުކުތާއަކީ، ފާހަގަ ކުރަންޖެހޭ ކަމަކީ އިންޑިއާ ސިފައިންނަކަށް މި ގައުމަކު ނުތިބެވޭނެ. އެއީ މި ސަރުކާރުގެ ސިޔާސަތަކީ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ސަރުކާރުން ބޭނުންވަނީ ދެ ގައުމުގެ ގުޅުމަށް ބުރޫނާރާނެ ގޮތަށް ކަމަށެވެ.

"ހަމަޖެހޭ އުސޫލަކުން ދެ ފަރާތުގެ ގުޅުމަށް ބުރޫ ނާރާނެ ރަނގަޅު ތަހުޒީބީ މަގަކުން މިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާތީ ކަންނޭނގެ ވަގުތު ވެސް މި ނަގަނީ. އެ ބައްދަލުވުންތައް ވެސް ކުރިއަށް އެ ގެންދަނީ. އަޅުގަނޑު އުއްމީދު ކުރަނީ މި ބައްދަލުވުންތަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިމާޔަތާއި ރައްކާތެރިކަމާއި އަޅުގަނޑުމެންގެ ހަމަތަކާއި އުސޫލަށް ރިއާޔަތް ކުރެވިގެން މިކަން ރަނގަޅަށް ނިމިގެންދާއިރު އަޅުގަނޑުމެންގެ ހާރިޖީ ގުޅުން ކުރިން ވެސް އޮތް ގޮތުގައި އޮތުން،" ނާޒިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީއަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނައްތާލުން ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް މުއިއްޒު އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް މިދިޔަ ހަފުތާގައި ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ. ޖެނުއަރީ 7، ގައި ފެށި އެ ދަތުރު ނިންމާލެއްވީ އޭގެ ހަ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox