ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ގާޒީއަކަށް ނުފޫޒު ފޯރުވަން އުޅުނު ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މުވައްޒަފު ނުފޫޒު ފޯރުވަން އުޅުނު މައްސަލައިގައި ތިން މީހަކަށް ދައުވާ ލިބެ އެވެ. އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ބުނީ މައްސަލައަށް ނުފޫޒު ފޯރުވަން އުޅުނު ވަޒީފާއިން ވަކި ކުރީ މިދިޔަ ޑިސެމްބަރު މަހުގައި ކަމަށެވެ. އެއީ އަންހެން މުވައްޒަފެއް ކަމަށާއި އޭނާ ނުފޫޒު ފޯރުވަން އުޅުނީ އަންހެން ފަނޑިޔާރަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ވަކި ކުރި މުވައްޒަފު ފަނޑިޔާރާ ބައްދަލު ކުރުމަށްފަހު، އޭނާ ސިޔާސީ ޕާޓީއަކާ ބައްދަލު ކޮށްފައިވާ ކަމަށާއި ބަދުއަހުލާގީ މައްސަލައިގައި ދައުވާ ލިބޭ މީހަކު ބަންދުން ދޫކޮށްލުމަށް އެ ޕާޓީން އެދޭ ކަމަށް ގާޒީ ކައިރި ބުނެފައިވާ ކަމަށްވެ އެވެ.
މުވައްޒަފުގެ މައްސަލަ އިސް ގާޒީއަށް ހުށަހެޅީ އެ މުވައްޒަފު އެ ވާހަކަ ދެއްކި ގާޒީ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގެ އެޗްއާރު ކޮމިޓީން ބެލުމަށްފަހު ނިންމީ އެ މުވައްޒަފު ވަޒީފާއިން ވަކި ކުރުމަށެވެ.

އަދުލު އިންސާފަށް ހުރަސް އެޅުމުގެ އަމަލެއް ރިޕޯޓު ކުރުމަކީ ވިސްލްބްލޯ ކުރުން ކަމަށް ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައިވެ އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމަކީ އަދުލު އިންސާފުގެ އެއްވެސް މަރުހަލާއެއްގައި ނަހަމަ ނުފޫޒެއް ބޭނުން ކުރުމެވެ.













