ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަމުގެ ހަނދާންތައް!

ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަމުގެ ހަނދާންތައް!

އެންމެ އެވޭލާ ޒަމާނުއްސުރެ ފަނޑިޔާރުގެއަކީ ދައުލަތުގެ ބަހާތަކުގެ ތެރެއިން ގަދަރު އުފުލިގެންވާ ބަހާއެކެވެ. ރަދުންގެ އަމުރުފުޅު ފިޔަވައި ދެން ރައްޔިތުން ތަބާވާނީ ފަނޑިޔާރު މަނިކުފާނުގެ އަމުރުފުޅަށެވެ. ރަށްރަށުގައި ތިއްބަވާ ނައިބު ބޭކަލުންގެ އުޖޫރައާއި ދިރިއުޅުމުގެ ހުރިހާ ޒަރޫރަތެއްހެން ފުއްދައިދޭނީވެސް ރައްޔިތުންނެވެ. މިކަން އިންތިޒާމުވެގެން އައީވެސް ގާނޫނުގައި ލިޔެވި, ރައްޔިތުން އުފުލަންޖެހޭ ގާނޫނީ އިލްތިޒާމެއްގެ ގޮތުގަ އެވެ.

ފަނޑިޔާރުގޭގެ ހައިބަތު ކިތަންމެ ބޮޑަސް، ބައެއް ފަހަރު އެ ހައިބަތާ އެކަށީގެންނުވާފަދަ ބައެއް ހެއްވާ ކަންކަންވެސް އެތަނުގައި ހިނގަ އެވެ. ފަނޑިޔާރުންގެ މިޒާޖާއި ބައެއް ފަހަރު ދައުވާލިބޭ މީހުންގެ ވާހަކަތަކުންވެސް ޝަރީއަތުގެ ސީރިއަސްކަން ގެއްލޭ ފަހަރުތައް އާދެ އެވެ.

މިހާރު އަމަލުކުރަމުން މިދާ ގާނޫނު އަސާސީ ތަސްދީގުކުރެވުނުއިރު އަޅުގަނޑު ހުރީ ބަންޑާރަނައިބުގެ އޮފީހުގެ 'އެސިސްޓަންޓް އެޓޯލް އެޓަރނީ ގްރޭޑް 1' ކިޔާ ވަޒީފާއެއްގަ އެވެ. ޓްރޭނީއެއްގެ ގޮތުގަ އެވެ. އޭރަކު އަދި އަޅުގަނޑުމެން ކޯޓަށް ދާކަށް ނުޖެހެ އެވެ. މާބޮޑު މަސައްކަތެއްވެސް ހަވާލެއް ނުކުރެ އެވެ. އައު ގާނޫނު އަސާސީ ތަސްދީގުކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުމުން އެ އޮފީހަށް ނެގި މުވައްޒަފުންގެ ތެރޭގައި އަޅުގަނޑުވެސް ލައްވާލި އެވެ. އެކަމަކު ބަންޑާރަނައިބުގެ އޮފީހުގެ ހުރިހާ މުވައްޒަފުން ޕީޖީ އޮފީހަށް 'ކަހާލަނީ' ކަމަށްބުނެ އައު ބަންޑާރަނައިބު ބޮޑާހާކައި ކުސްތަޅަން ފެށުމުން ޕީޖީ އޮފީހުގެ މަސައްކަތަށް ނުކުތުން ކުޑަކޮށް މަޑުޖެހުނެވެ. އެކަން ހަމައަކަށް އެޅި ޕީޖީ އޮފީހަށް ނުކުންނާންފެށިތާ މާ ގިނަ ދުވަހެއް ނުވެ ކޯޓަށް ފޮނުއްވާ ވަކީލުންގެ ގުރޫޕުގައި އަޅުގަނޑުވެސް ހިމެނިއްޖެ އެވެ. ކިޔައިދޭން މިއުޅޭ ވާހަކަތަކަކީ އޭރު އަޅުގަނޑާ ދިމާވި ބައެއް ކަންކަމެވެ.

ކުރީގައި އަމަލުކުރަމުންދިޔަ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ކުރާ އެއް ދައުވާއަކީ 'ވިޔަފާރީގެ ބޭނުމަށް މަސްތުވާ އެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ' އެވެ. އެ ގާނޫނު ބުނާގޮތުން މަސްތުވާއެއްޗެއްގެ 1 ގުރާމަށްވުރެ ގިނަ މިންވަރެއް މީހެއްގެ އަތުން ފެނިއްޖެނަމަ އެއީ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓި މަސްތުވާތަކެތި ކަމުގައި ބަލަންޖެހެ އެވެ. މިފަދަ ދައުވާއެއްގައި ދައުލަތް ތަމްސީލުކުރުމަށް އަޅުގަނޑު ކޯޓަށް ދިޔަ ދުވަހެކެވެ. ޝަރީއަތް ފަށްޓަވައި ދައުވާ އިއްވަން ފަނޑިޔާރު އެންގެވުމުން ދައުވާ އިއްވައިފީމެވެ. ދައުވާއަށް ޖަވާބު ދިނުމަށް ދައުވާ ލިބޭ މީހާއަށް ފަނޑިޔާރު އެންގެވި އެވެ. އޭނާގެ ޖަވާބަކަށްވީ 'އާދެ އަޅުގަނޑަކީ ބޯ މީހެއް އެއީ އަޅުގަނޑު ބޯން ގެންގުޅުނު އެއްޗެއް، އެކަމަކު އަޅުގަނޑަކީ ވިޔަފާރިކުރާ މީހެއް ނޫން.'

އޭނާގެ ވަކީލަކުވެސް ނެތެވެ. ގާނޫނުގައި ކަންއޮތްގޮތް އޭނާއަށް ސާފުކޮށްދިނީ ފަނޑިޔާރެވެ. މަސްތުވާތަކެތީގެ އެއްގުރާމަށްވުރެ ގިނަ އަދަދެއް މީހެއްގެ އަތުގައި ހުރެއްޖެނަމަ އެއީ ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓީކަމަށް ބަލަންޖެހޭކަމަށް ގާޒީ އޭނާއަށް ކިޔައިދިނެވެ. އޭނާ ރުންކުރުކޮށް ބުންޏެވެ. ތިޔަ ބުނިހެން ބަލަން ގާނޫނުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ. ގާޒީ ނިކަން ވިސްނަވާށެވެ. ގާޒީވެސް ކަންމަތީ ފިހާރައަކުން ޓޮމާޓޯ ދަޅެއް ވަކި ގަންނަނަމަ އެ ލިބޭނީ ދެރުފިޔާ އަށެވެ. އެކަމަކުން ބާޒާރުމަތީ ފިހާރައަކުން ޓޮމާޓޯ ޕޭސްޓް ކޭހެއް ގަންނަނަމަ ދަޅެއް ޖެހޭނީ އެއް ރުފިޔާ ލާރިކޮޅަކަށެވެ. މަ ގިނައިން ގަތީ ޑިސްކައުންޓް ހޯދަންވެގެންނެވެ. އެއީ އިތުރު މީހަކަށް ވިއްކަން ގަތް އެއްޗެއް ނޫނެވެ.

އޭނާ ހުށަހެޅި މިސާލުން ދެއްކި ހުއްޖަތުގެ ވަރުގަދަކަމާއެކުވެސް، ގާނޫނު އޮތްގޮތުން އޭނާގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމް ކުރެވުނެވެ.

އޭރު އުސޫލު އޮންނަ ގޮތުން ތަމްރީނު ހޯދުމަށްޓަކައި އެކި ރަށްރަށުގެ މެޖިސްޓްރޭޓުން ކްރިމިނަލް ކޯޓުގައި މަސައްކަތްކުރެ އެވެ. މިގޮތަށް ކްރިމިނަލް ކޯޓުގައި މަސައްކަތްކުރެއްވި ފަނޑިޔާރެކެވެ. އެދުވަހު އޮތީ ޗެކެއް ބައުންސްވެގެން ކޮށްފައި އޮތް ދައުވާއެއްގެ ޝަރީއަތެކެވެ. ދައުލަތުން ކޯޓަށް ދިޔައީ އަޅުގަނޑެވެ. ދިފާއީ ވަކީލަކު ނެތެވެ. އޭރު އަމަލުކުރަމުން ގެންދިޔަ 'ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނު' ގެ ދަށުން ޗެކެއް ބައުންސްވުމަކީ އޭގެ ޒާތުގައި ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 6 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުމެވެ. އެހެންނަމަވެސް ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިންވެސް ފައިސާ ދައްކައިފިނަމަ ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާނެ އެވެ. މި ގާނޫނު އޮންނަ ގޮތުން، ބައެއް ފަހަރު ހަމަ ރަނގަޅު މަދަނީ މުއާމަލާތްތަކާ ގުޅިގެންވެސް، ފައިސާ ނުދެއްކިގެން މީހުންނަށް އަދަބު ލިބިފައި އެބަހުއްޓެވެ. މި އިޖުރާއަތުގެ އިންސާފުވެރިކަމާމެދު އެ ދުވަސްވަރު ދިޔައީ ބަހުސްކުރެވެމުންނެވެ.

އެ ދުވަހުގެ ޝަރީއަތަށް ވަންނަވަމުން އެންމެ ފުރަތަމަވެސް ގާޒީ ކޯފާވެފައި އަޅުގަނޑަށް ބައްލަވާލެއްވި އެވެ. ޝަރީއަތުގެ މަޖިލިސް ފެށުނީ ކަމަށް ވިދާޅުވެ ދެން ފެށްޓެވީ ދައުލަތުގެ މި ދައުވާއާމެދު ނުރުހުން ފާޅުކުރައްވާށެވެ. ވިދާޅުވި އެވެ. ވިޔަފާރިކުރާ މީހަކު އަތްމަތި ދަތިވެގެން ބައެއް ފަހަރު ފައިސާ ނުދެއްކި ހިނގައިދާނޭކަން ދައުލަތަށް ނޭނގެނީ ހެއްޔެވެ. ތިމަންނާ މި ގަސްތުކުރަނީ ތިޔަކަހަލަ ދައުވާތައް އަޑުވެސް ނާހާން ކަމަށެވެ. އެކަމަކު ދެން މިހާރު ތިއޮތީ މިކޯޓަށް ތި ދައުވާ ވައްދާފައިކަމުން ނިކަން އަޅެ ތިޔަ އެއްޗެއް ހުށަހަޅާބަލާށެވެ. އަޅުގަނޑު ތެދުވެ ދައުވާ އިއްވައިފީމެވެ. 'އެކައުންޓުގައި ފައިސާނެތި ޗެކު ދޫކުރުމާއި އެ ޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދައުވާ' އެވެ.

އަޅުގަނޑު ދައުވާ ހުށަހަޅައި ނިމުމުން ދައުވާއަށް ޖަވާބުދާރީވުމަށް ގާޒީ ދައުވާ ލިބޭ މީހާއަށް އަންގަވަމުން ވިދާޅުވި އެވެ. މިފައިސާ ނުދެއްކި މިއޮތީ ހަމަ ދެއްކޭނޭ ގޮތެއް ނެތިގެން ދޯ އެވެ. އޭނާ ބޯ ޖަހާލި އެވެ. ގާޒީ އަނެއްކާވެސް އަޅުގަނޑާ ދިމާލަށް ބައްލަވައި ދައުލަތުގެ ވަކީލުންގެ ރަހުމެއް ހަމްދަރުދީއެއް ނުހުންނަކަމާއި މިއީ ވަރަށް އަނިޔާވެރި އަމަލެއްކަމަށް ކޯފާވެފައި ވިދާޅުވި އެވެ. އަޅުގަނޑު އިސްދަށަށް ޖަހައިގެން އިނީ އެވެ. އޭރު ދައުވާލިބޭ މީހާ ހުރީ ގާޒީ އަޅުގަނޑަށް 'ބަވާލާފައި' އޮތީތީ އެކަމާ ނިކަން ހިތްހަމަޖެހިފަ އެވެ. އޭނާ ބުންޏެވެ. ގާޒީ ތިޔަވިދާޅުވީ ހަމަ ރަނގަޅަށެވެ. ތިމަންނާއަށް ފައިސާގެ ދަތިކަމެއް އުޅޭތީ އެކައުންޓުގައި މިވަގުތު އެވަރަށް ފައިސާ ނެތީ އެވެ. ފައިސާ ކޮޅެއް ހަމަ ލިބުނުހާ އަވަހަކަށް ތި ފައިސާ ދައްކާނަމެވެ.

ގާޒީ އޭނާއަށް އޯގާތެރިކަމާއެކު ވިދާޅުވި އެވެ. ތިޔަހެން ވެދާނެ އެވެ. ވިޔަފާރިއަކީ އެކަހަލަ އެއްޗެކެވެ. ބައެއްފަހަރު ތާށި ވެދާނެ އެވެ. އެކަހަލަ ތާއްޓެއްގައި އުޅޭ މީހަކަށް ދައުލަތުން ދައުވާކުރުމަކީ އެއްވެސް އިންސާފެއް ނޫނޭ މިކަހަލަ ކަންކަން ކުރާން ހެޔޮވާނީ ކިހިނަކުންހޭ ޒިންމާދާރު ރަނގަޅު ރައްޔިތުންނާމެދު ދައުލަތުންވެސް އަމަލުތައް ބަހައްޓަންވާނީ ޒިންމާދާރުކަމާއެކުއޭ ވިދާޅުވެ މިކަހަލަ ހެޔޮ ރަނގަޅު ބަސްތަކުން އަމުނަމުން އަޅުގަނޑަށް ވަށިވަށިން ދެއްވަމުން ގެންދެވި އެވެ. އެއާއެކު ދައުވާލިބޭ މީހާގެ ބަޔާން ލިޔެ އިއްވި އެވެ. ބަޔާނުގައި އޮތީ ޗެކު ދޫކުރިކަމާއި ތާށި ކަމެއް އުޅޭތީ މިހާތަނަށް އެ ޗެކުގައިވާ އަދަދަށް ފައިސާ ދެއްކިފައި ނެތްކަމަށެވެ. އޭނާ އެ ބަޔާނުގައި ސޮއިކުރިއިރުވެސް ހުރީ ގާޒީގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފެނި ހިތްހަމަޖެހި ހެވި ދިއްލިފަ އެވެ. ގާޒީ ވިދާޅުވި އެވެ. އެހެންވީމާ ދެން މި އިއްވަނީ މައްސަލައިގެ ހުކުމެވެ. 'އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކޮށް އެ ޗެކުގައިވާ އަދަދަށް ފައިސާ ދައްކާފައިނުވާކަން މީނާގެ އިއުތިރާފުން ސާބިތުވާތީ ހަމަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީ އެވެ.' ހާލަތު ފުރޮޅިގެން ދިޔަ ގޮތުން ދައުވާލިބޭ މީހާ ހުރީ ހައިރާންވެފަ އެވެ. ގާޒީ އެހާ 'އޯގާތެރި' ނުވި ނަމަ އޭނާ އެ ދައުވާއަށް އިންކާރު ކުރީހެވެ. ވަކީލެއްގެ ފުރުސަތަށްވެސް އެދުނީހެވެ. އެ ލިބޭ ފުރުސަތުގައި ފައިސާ ހަމަޖައްސައި އެ ހުކުމުން ސަލާމަތްވެވޭނޭ ޖާގަ ހޯދުނީހެވެ. އެކަމަކު ގާޒީގެ އޯގާވެރި ބަސްތަކަށް ލެނބި، ހެވި ދިއްލިފައި ހުރެ ކީ އާނ ހޫނ ތަކުން ލިބުނީ ކޮޅުކެއްސެވެ.

އެހެން ވާހަކަ އެކެވެ. ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮތް މައްސަލައަކަށް ދައުލަތުގެ ފަރާތުން އަޅުގަނޑު ދާންޖެހުނެވެ. އެއީ 2009 ވަނަ އަހަރެވެ. ކޯޓަށް ހުށަހެޅިފައި އޮތީ ގުރައިދޫ ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ. އަޅުގަނޑަށް ޝަރީއަތްކުރާ ކޮޓަރިއަށް ވަދެވުނުއިރު ދައުވާލިބޭމީހާއާއި މައްސަލައިގައި ހިމެނޭ ހުރިހާ ހެކިންވެސް ޝަރީއަތުގެ މަޖިލީހަށް ވައްދާފައި ތިއްބެވެ. ކޯޓު އޮފިސަރު އަޅުގަނޑު އިށީންނަށް ދެއްކީ މެޖިސްޓްރޭޓް އިށީންނަވާ މޭޒުގެ އަރިމަތީގައި ބަހައްޓާފައި ހުރި ގޮނޑިއެކެވެ. އެ މޭޒުގެ ކުރިމަތިން ތިން ފޫޓެއް ވަރު ދުރުގައި ދިހަ މީހަކު ތިއްބެވެ. އޭގެ ތެރެއިން ދައުވާ ލިބޭ މީހުންނަކީ ކޮބައިކަމެއް ހެކިންނަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ.

އިސާހިތަކު މެޖިސްޓްރޭޓް ވަޑައިގެން ދައުވާލިބޭ މީހުން ފާހަގަކުރެއްވުމަށްފަހު ޝަރީއަތް ފެށުނު ކަމަށް އިއުލާނުކުރައްވައިފި އެވެ. އެއާއެކު އަޅުގަނޑުގެ ކޮނޑުގައި އަތުން ކޮށްޓަވާލައްވާފައި ދައުވާ ހުށަހަޅާށޭ ވިދާޅުވެއްޖެ އެވެ. އަޅުގަނޑު ތެދުވެ ދައުވާ އިއްވުމުން ދައުވާލިބޭ ހަތަރު މީހުންވެސް ދައުވާއަށް އިންކާރުކޮށްފި އެވެ. މެޖިސްޓްރޭޓް ވިދާޅުވި އެވެ. ދެން އޮންނާނީ ހެކިބަސް ނެގުމެވެ. ހެކިންގެ ބަޔާންތައް އިއްވާށެވެ.

އެއީ ޖިނާއީ ޝަރީއަތް ހިންގުމުގެ އުސޫލުތައް ބަދަލުވަމުން އައި ދުވަސްކޮޅެވެ. އޭގެ ކުރިން ހެކިންނާ ސުވާލުކުރުމުގެ ބަދަލުގައި ޝަރީއަތުގައި އޮންނަނީ ހެކިން ތަހުގީގަށް ދީފައި އޮންނަ ބަޔާން އިއްވުމެވެ. މި ކޯޓުގައި އަދިވެސް އިޖުރާއަތު ހިނގަނީ އެހެންނެވެ. އަޅުގަނޑު މެޖިސްޓްރޭޓަށް ދެންނެވީމެވެ. މިހެކިންނާ އަޅުގަނޑު ސުވާލުކުރަން ބޭނުމެވެ. އަދި ހުރިހާ ހެކިން އެއްފަހަރާ ޝަރީއަތަށް ވެއްދުމުގެ ބަދަލުގައި ވަކިވަކިން ހެކިބަސް ނަގާގޮތަށް ހަމަޖައްސަވައި ދެއްވުމަށްވެސް އެދުނީމެވެ. އެއްކޮލުގައިހުރި ދުފުންގަނޑު އަނެއްް ކޮލަށް ބަދަލުކުރައްވަމުން މެޖިސްޓްރޭޓް ވިދާޅުވި އެވެ. އެކީއެކައްޗަކަށް ހެކިންގެ ބައި ނިންމާލީމާ ޝަރީއަތް އަވަސްވާނެ އެވެ. އެހެންވީމާ ބަޔާން އިއްވަން ފަށާށެވެ.

އަޅުގަނޑު ތެދުވިތަނާ ފޯނެއް ރިންގުވާ އަޑު އިވިއްޖެ އެވެ. ހެކިންގެ ތެރެއިން މީހަކު ފޯނު ނަގައި ވައިއަޑުން މިއިނީ ކޯޓުގައި ކަމަށާއި ފަހުން ގުޅާނޭކަމަށް ބުނެފައި ފޯނު ބޭއްވީ އެވެ. މެޖިސްޓްރޭޓް ނިކަން ކޯފާވެފައި ވިދާޅުވި އެވެ. ތިޔައީ ޝަރީއަތުގެ ހުރުމަތް ކަނޑާލުމުގެ އަމަލެކެވެ. އަޅުގަނޑު ބޭނުންނަމަ މިހާރުން މިހާރަށްވެސް ހުކުމް ކުރެވިދާނެ އެވެ. ދެން ކޯޓު އޮފިސަރަށް އެންގެވީ ފޯނު އަތުލުމަށެވެ. ޝަރީއަތުގެ ނިޒާމު ހިފެހެއްޓެވީ އެހާވެސް ހަރުދަނާ ކަމާއެކު އެވެ.

މިކަމެއް ނިމި، އަޅުގަނޑަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ފޯނެއް ރިންގުވާ އަޑު އިވިއްޖެ އެވެ. މިފަހަރު އެންމެން ތިބީ ބިރުން އެކަކު އަނެކެއްގެ މޫނަށް ބަލަބަލަ އެވެ. މިހެން ތިއްބައި ޖީބަށް އަތް ކޮށްޕާލައި ފޯނު ނެންގެވީ އެހެން މީހެއް ނޫނެވެ. މެޖިސްޓްރޭޓެވެ. ވަގުތުން ފޯނަށް ޖަވާބު ދެއްވި އެވެ. އޭ ކޮބާ ކޮންހެނެއްހޭ ވިދާޅުވެ ވާހަކަ ފެށްޓެވި އެވެ. ދެން ކިޔުއްވަ އެވެ. 'އާނ އާނ އިބްރާހީމްގެ ފާނުގެ މަގާމުފުޅާއި އިސްމާއީލްގެފާނުގެ މަގާމުފުޅުގައި ފައި ޖެހުނޭ. ނާ! މީހުން ފަށެއް އޮތޭ ދެރަކަމަކީ ހަޖަރުލްއަސްވަދުގައި އަތްލެވޭގޮތް ނުވިކަމޭ' މިކަހަލަ މިކަހަލަ ވާހަކަތަކެއްގައި ދެތިންމިނެޓު އިންނަވާފައި ދެން މިހިނދަށް ބާއްވަނީ ކަމަށް ވިދާޅުވެ ވާހަކަ ކުރުކޮށްލެއްވި އެވެ. އޭރު ދައުވާލިބޭ މީހުންނާއި ހެކީންވެސް ޝަރީއަތުގެ މަޖިލީހުގައި ބިނދިބިނދިފައި ހެނީ އެވެ. މެޖިސްޓްރޭޓްގެ ފޯނު ރިންގުވެ ޝަރީއަތުގެ މެދުތެރެއިން އުމްރާ ދަތުރުގެ ހުލާސާ ދެއްވުމަކުން ޝަރީއަތުގެ ހުރުމަތަށް ކުޅަ އެއްވެސް އަސަރެއް ނެތެވެ.

ކިޔައިދޭން މިކަހަލަ ކިތަންމެ ހާދިސާއެއް އެބަހުއްޓެވެ. އެކަމަކު ދެން އެހެން ފަހަރަކުންނެވެ.

Newsletter

Get the latest news delivered straight to your inbox