ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި މިހާރު ތުރުކީއާ އެކުވެސް އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކާޑުގެ ބާވަތްތަކާއި ކެއިން ބުއިމަށް އާންމުކޮށް ބޭނުން ކުރާ އެހެނިހެން ބާވަތްތައް ރާއްޖެ ގެނައުމަށް އެކި ގައުމުތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
" ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީއިން މިހާރު އެއް އަހަރާއި އިތުރު 10 އިންސައްތައަށް ވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި، ތުރުކީއިން އަހަރަކާއި އިތުރު 10 އިންސައްތައަށްވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވުމުގައި މިހާރު ވާނީ ސޮއި ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހު ރާއްޖެއަށް އަންނާނެ އެވެ.
ފުށުގެ ޝިޕްމަންޓްގެ އިިތުރުން ހަނޑޫ އަދި ހަކުރުގެ އިތުރުން ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ގެނައުމަށް ވެސް އެކި ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓްތައް ވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.














