ސީދާ ބޭސް އުފައްދާ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރާ ގޮތަށް ބަދަލުގެންނަން ނިންމާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ދަތުރުގެ މައުލޫމާތު ދެއްވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި ޕްރެސް ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕު އަދި އެމެރިކާއިން ބޭސް ގެންނަން ނިންމާފައިވާކަމަށެވެ.
"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ބޭސް ގެންނަނީ އަވައްޓެރި އިންޑިއާއިންނެވެ. ބޭސް ގެންނަ ގޮތް ބަދަލުކުރާނެކަމަށް ރައީސް މިއަދު ވިދާޅުވި އިރު، އިންޑިއާއާއި ރާއްޖެއާއި ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އެ ގައުމުގެ ލަކްޝަދީޕު ޕްރޮމޯޓުކުރުމަށް ޖެއްސި ކެމްޕެއިނަކާއި ގުޅިގެން ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެކްސްގައި ޓްވީޓްކުރި އެވެ. އެ މައްސަލަ ހޫނުވެ އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ އިންޑިއާ ނޫން އެހެން ބައެއް ގައުމުތަކުން ވެސް އާސަންދަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިހާރު މި ހިދުމަތް ލިބެނީ އިންޑިއާ އަދި ސްރީލަންކާ އިންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތައިލެންޑާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.












