މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ފްލެޓު ލިބުނު ބަޔަކު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހަށް ގޮސް މުޒާހަރާ ކުރަން ފެށުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަން ވަގުތުން އެ މައްސަލައަށް ލިބުނެވެ.
މުޒާހަރާގެ ބައިވެރިން އޭސީސީގައި ތިއްބާ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައި ދެއްވީ ވަރަށް ބޮޑު ޔަގީންކަމެވެ.
"ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓު ހަވާލު ކުރުމަކީ އަޅުގަޑު ވައުދުވީ ގޮތަށް ކުރިއަށް ދާނެ ކަމެއް. މި ހަފުތާ އާއި މި އަންނަ ހަފުތާ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދާނެ،" ޖެނުއަރީ 2، ގެ މެންދުރު 2:29 ގައި ރައީސް މުއިއްޒު އެކްސްގައި ލިޔުއްވާފައިވެ އެވެ.
ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރާ ނަމަ މިއަދުގެ ނިޔަލަށް ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމަންޖެހެ އެވެ. އެކަމަކު، ސަރުކާރުން މިހާރު ބުނަނީ ރަޖިސްޓްރީތައް ހަވާލު ނުކުރެވޭނެ ކަމަށެވެ. އަދި މިހަފުތާގެ ނިޔަލަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ކުރިން ބުނެފައިނުވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
"ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މާދަމާ [ބުރާސްފަތި ދުވަހު] ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން،" ރޭ 10:46 ގައި ހައުސިން މިނިސްޓްރީން ނެރުނުު ބަޔާނެއްގައި ބުންޏެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައިވާ ގޮތަށް، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށާނީ، އޭސީސީން ބަލަމުންދާ ފްލެޓުތަކުގެ މައްސަލަ އެ ކޮމިޝަނުން ނިންމުމުން ކަމަށެވެ. އޭގެ ފަހުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަށް އެއްވެސް ވަރަކަށް އިޝާރާތެއް ނުކުރެ އެވެ.
"ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭސީސީން، މި ސްކީމާ ގުޅޭ މަސައްކަތް ހުއްޓާލުމަށް މި މިނިސްޓްރީއަށް އަންގާފައިވާތީ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. "މިކަމާ ގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީން މި މައްސަލަ ބަލައި މި މިނިސްޓްރީއަށް ފޮނުވުމުން."

ފްލެޓު ލިބުނު މީހުން އޭސީސީ ތެރޭގައި މުޒާހަރާ ކުރަނީ: ބުނަނީ ރައީސްގެ ވައުދު ފުއްދަން މިނިސްޓްރީން މަސައްކަތް ނުކުރާ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ރައީސް އަދި މިނިސްޓްރީގެ ވާހަކަތަކަށްފަހު ފްލެޓު ލިބުނު 4000 މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މިއަދު އަނެއްކާ ވެސް އޭސީސީގެ އޮފީހަށް ގޮސް މުޒާހަރައެއްކޮށްފަ އެވެ. ބައެއް މީހުން އެތަނަށް ގޮސް ތިބީ ރައީސް މުއިއްޒުގެ ޓުވީޓުގެ ފޮޓޯއެއް ހިފައިގެންނެވެ.
"ވަރަށް ބޮޑު ސުވާލު މާކެއްގެ އަހަރުމެން މި ތިބެނީ. ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. ރަައީސް އާ ދޭތެރޭ ވަރަށް ބޮޑަށް އިތުބާރު ގެއްލޭނެ އެންމެ ކުޑަ މިނުން މިއަދު އެ މަސައްކަތް ނުފަށައިފިއްޔާ،" ފްލެޓު ލިބުނު މީހުންގެ ފަރާތުން ވަކާލާތު ކުރާ އިސްމާއިލް ނާއިފް މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
ފްލެޓު ލިބުނު މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ވެވަޑައިގެންނެވި ވައުދަށް އެމަނިކުފާނުގެ ދަށުން ހިންގާ ވުޒާރާ ހައުސިން މިނިސްޓްރީން ބޯނުލެނބުމެވެ.
"އިއްޔެ ސްޓޭޓް މިނިސްޓަރުންނާ ވާހަކަ ދެއްކިން. ވިދާޅުވީ ތިމަންނަމެންގެ ނިޔަތް ވަރަށް ރަނގަޅޭ. އެއްވެސް ގޯސް ނިޔަތެއް ނެތޭ. ގޯތި ހަވާލު ކުރި ކަމުގެ އެގްރިމެންޓު ވެސް ތައްޔާރަށޭ އޮތީ. އޭސީސީން މައްސަލަ ނިމުނުހާ އަވަހަކަށް ހަވާލު ކުރާނަމޭ. އެކަމަކު ރައީސް ލިޔުއްވާފައި އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭ ގޮތަށް. ލިޔުއްވީ މި ހަފުތާގެ ނިޔަލަށް ރަޖިސްޓްރީތައް ހަވާލުކޮށް ނިންމާނެ ކަމަށް،" ނާއިފް ބުންޏެވެ.












