މިހާރު ވެސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އާ ޕްލޭނެއް ސަރުކާރުން މިރޭ އިއުލާނު ކޮށްފި އެވެ.
ވެލާނާ އާ ޕްލޭނާއި އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަސައްކަތް އިފްތިތާހުކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިރެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އާ ޕްލޭނެއް ހާމަ ކުރެވޭ ރެއެއް ކަމަށެވެ.
"ވީއައިއޭ ތަރައްގީ ކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގެ ބޮޑު ބައި މި އަހަރުގެ ނިޔަލަށް ނިމި ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ، މިއާއެކު އެމްއޭސީއެލްގައި 25 އިންސައްތަ އިތުރު ވަޒީފާ އުފެދިގެންދާނެ، އެއީ ގާތްގަނޑަކަށް 1،000 އާ ވަޒީފާ،" ޝަރީފް ވިދާޅުވި އެވެ.
އާ ޕްލޭންގައި ހިމެނޭ ކަންތައްތައް
- 25 މިލިއަން ފަސިންޖަރުނަށް ހިދުމަތް ދެވޭ އާ އާމިނަލް އެއް، (މިހާރު ތަރައްގީކުރަމުން އަންނަކީ ހަތް މިލިއަން ފަސިންޖަރުނަނަށް ހިދުމަތް ދެވޭ ޓަމިނަލް އެއް)
- ގަޑިއަކު 2000 ޕަސެންޖަރުނަށް ހިދުމަތް ދެވޭ އާ ޑޮމެސްޓިކް ޓާމިނަލް އެއް. (މިހާރު ހިދުމަތް ދެވެނީ ގަޑިއަކު 300 ފަސިންޖަރުނަށް)
- ޕްރައިވެޓް ޖެޓްތަކަށް ހާއްސަ ޓާމިނަލެއް
- އަގުހެޔޮ އެއާލައިންތަކަށް ގަޑިއަކު 1000 ޕަސެންޖަރުނަށް ހިދުމަތް ދެވޭ ލޯ ކޯސްޓް ކެރިއާ ވަކި ޓާމިނަލެއް
- ސީޕްލޭންގެ ވަސީލަތްތައް ތަރައްގީކޮށް ފުޅާކުރުން (މިހާރު ހުރި ޓާމިނަލް ވަކިން އެހެން ރަށަކަށް ބަދަލުކުރުން، އަދި އެއާޕޯޓާ ގުޅައިލުން)
- ފިއުލް ކެޕެސިޓީ 100 މިލިއަން ލިޓަރާ ހަމައަށް އިތުރުކުރުން
- މުޅިން އާ އެމްއާރުއޯ ޕެސިލިޓީ އެއް ގާއިމު ކުރުން
- ކާގޯ ޓާމިނަލް 100،000 މެޓްރިކް ޓަނުން 300،000 މެޓްރިކް ޓަނަށް އިތުރު ކުރުން
- މަތިންދާ ބޯޓު ޕާކުރެވޭނަ ޖާގަ 34 އިން 73 އަށް އިތުރުކުރުން
ޝަރީފް ވިދާޅުވީ އާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ގެންްދިއުމަށް ބޭނުންވާ ޓާކްސްފޯސްތައް އުފައްދާ މަސައްކަތްތައް އިންތިޒާމުތައް ރާވާފައިވާ ކަމަށެވެ. އާ ޕްލޭނަށް ހަރަދުވާނެ ފައިސާގެ އަދަދެއް ޝަރީފް ހާމައެއް ނުކުރައްވަ އެވެ.

މިހާރު ކުރިއަށްދާ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ފެށީ 2016 ވަނަ އަހަރުގެ މޭ މަހު އެވެ. އެ ޕްރޮޖެކްޓުގައި ހިމެނޭ ބޮޑު ޓާމިނަލްގެ ގިނަ މަސައްކަތްކޮށް، މިހާރު އެ ފެންނަން ހުރި ޑިޒައިންނާ އެއްގޮތަށް އެތަން ބަދަލުކޮށްލީ ކުރީގެ ސަރުކާރުންނެވެ.













