ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެފަދަ ހާއްސަ ޒޯނެއް ކަނޑައަޅައި، ތައާރަފު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
އެ ޕްރޮޖެކްޓު ތައާރަފު ކުރުމަށް މިރޭ ދަރުބާރުގޭގައި ހާއްސަ ހަފުލާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ އެއާޕޯޓާ ގުޅުން ހުރި މަޝްރޫއެކެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައެޅުމުން އެ ކަނޑައަޅާ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއަކަށް ހާއްސަ އިނާޔަތްތަކެއް ގާނޫނުގެ ދަށުން ލިބިދެ އެވެ. އެގޮތުން އެ ސަރަހައްދެއްގައި ހިންގާ ވިޔަފާރި އާންމު ކަސްޓަމްސްގެ އިހުތިސާސުން އެކަހެރިވާނެ އެވެ. އެ ސަރަހައްދު ބަލާނީ ވަކި ކަސްޓަމްސްގެ ސަރަހައްދެއްގެ ގޮތުގަ އެވެ.
މީގެ ނުވަ އަހަރު ކުރިން ތައާރަފު ކުރިން އެސްއީޒެޑްގެ ގާނޫނުގެ ދަށުން އަށް ދާއިރާއެއްގެ އަށް ވިޔަފާރީގެ ދާއިރާއަކަށް ނިސްބަތްވާ އެފަދަ ޒޯނުތަކެއް ކަނޑައެޅިދާނެ އެވެ. އެއީ:
- އިންޑަސްޓްރިއަލް އެސްޓޭޓް
- އެކްސްޕޯޓް ޕްރޮސެސިންގ ޒޯން
- ފްރީ ޓްރޭޑް ޒޯން
- އެންޓަރޕްރައިސް ޒޯން
- ފްރީ ޕޯޓް
- ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިންގ ޒޯން
- އޯފްޝޯ ފައިނޭންޝަލް ސާވިސަސްގެ ހިދުމަތްދޭ މަރުކަޒެއް
- ހައި ޓެކްނޮލޮޖީ ޕާކް
އެސްއީޒެޑަކަށް މަދުވެގެން އިންވެސްޓު ކުރެވޭނެ މިންވަރު ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހެ އެވެ. ޑިސެމްބަރު 17، ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެސްއީޒެޑްގެ ޒޯނަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓު ކުރަންޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން އިންވެސްޓްމަންޓް ތައާރަފު ކުރުމުގެ ޖަލްސާގައި މިރޭ ރައީސް މުއިއްޒު ވާހަކަ ދައްކަވާނެ އެވެ. އެމަނިކުފާނުގެ އިތުރުން، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަ ދައްކަވާނެ އެވެ.












