ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ތަންތަނަށް އިންވެސްްޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ލިބުނު ފުރަތަމަ ޕްރޮޕޯސަލް ރިވިއު ކުރުމުގެ މަސައްކަތް ބޯޑް އޮފް އިންވެސްޓްމަންޓްސްއިން ފަށައިފި އެވެ.
އެ ބޯޑުން މިއަދު ބައްދަލުވުމެއް ބާއްވާފައިވާއިރު އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ބައްދަލުވުމުގައި ރިވިއުކުރަން ފެށީ ރާއްޖޭގައި 110 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލެއްކަން ހާމަކޮށްފަ އެވެ.
އެ ބޯޑު ޗެއާ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އާބަން ޕްލޭނިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމެނިވަޑައިގަނަންވަ އެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ހަފްލާގައި ޑިސެމްބަރު 24, 2023 ގައި މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސަރުކާރުން ވަނީ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިއަން ޑޮލަރަށް ދަށްކޮށްފަ އެވެ. ކުރިން އެންމެ ދަށް އަގެއްގެ ގޮތުގައި އޮތީ 150 މިލިއަން ޑޮލަރެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ގޮތުަގައި ކަނޑައަޅާ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި އެ ފަދަ މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ރައީސް ކަނޑައެޅުއްވީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުން އެމަނިކުފާނަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.













