އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު 'އަދަދު' އަށް ކަށަވަރު ކޮށްދިން ގޮތުގައި, ރައީސް ޗައިނާއަށް ފުރާވަޑައިގަންނަވާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.
ރައީސްގެ މި ދަތުރުފުޅާ ބެހޭ މައުލޫމުތައް އެ އޮފީހުން ރަސްމީކޮށް އަދި ހާމައެއްް ނުކުރެ އެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ކޮޕް-28ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ވެސް ވަޑައިގަނެފަ އެވެ.
ދެވަނަ ދަތުރުފުޅުގެ ގޮތުގައި ރައީސް ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު, ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ ނިމިިދިޔަ ޑިސެމްބަރު މަސް ތެރޭގައި ޗައިނާއަށް ދަތުރެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވަޑައިގެންނެވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

ރައީސް, ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް އެމަނިކުފާނަކީ ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. އަދި, އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް އޮވެ, ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވެ އެވެ.












