މަސްތުވާތަކެތީގެ ފަރުވާ ދޭ ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކުން ހިންގުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން އާދީއްތަ ދުވަހު ސަރުކާރުން ނިންމާފައިވަ ކަމަށެވެ.
"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން [ކެބިނެޓުގައި ނިންމުނު]،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމަށް ފުރުސަތު ދިނުމުގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެފަދަ ސެންޓަރުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެ ސެންޓަރުތައް އަޅަން ނިންމީ ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. އަތޮޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި ތިން ރިހެބިލިޓޭޝަން ސެންޓަރެއް ހިންގަ އެވެ. އެއީ ކ. ހިންމަފުށީގައި ހިންގާ ތަނަކާއި ހުޅުމާލޭގެ ހާފްވޭ ހައުސް އަދި ވެރި ރަށް މާލޭގައި ހިންގާ ސެންޓަރެކެވެ. އެ ތިން ރިހެބިލިޓޭޝަން ސެންޓަރު ވެސް ހިންގަނީ ސަރުކާރުންނެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ސަރުކާރުގެ ޕޮލިސީއަކީ މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ސިއްހީ މައްސަލައެއްގެ ގޮތުގައި ނެގުމުގެ ބަދަލުގައި އެއީ ގައުމީ ސަލާމަށް ވެސް ހުރި ނުރައްކަލެއްގެ ގޮތުގައި ބެލުން ކަމަށެވެ. މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި ބޭނުން ކުރާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ޖަލުގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރާ މީހުންނެވެ. އެގޮތުން ޖަލުގެ އާބާދީގެ 80 ޕަސެންޓަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ.












