މިދިޔަ ސަރުކާރުން ހިންގި ހައުސިން ސްކީމްތަކުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނަށް އެތަންތަނުގެ ރަޖިސްޓްރީ އަންނަ ހަފުތާގެ ނިޔަލަށް ހަވާލުކޮށް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގޯއްޗާއި ފްލެޓުގެ ރަޖިސްޓްރީ ނުލިބިގެން ބަޔަކު މިއަދު މުޒާހަރާ ކުރަނިކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މި ހަފުތާ އާއި އަންނަ ހަފުތާގެ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް" ކުރިއަށް ގެންދާނެ ކަމަށެވެ.
"ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނޭ ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ، ގޯތި/ފްލެޓް ހަވާލު ކުރުމަކީ އަޅުގަނޑު ވައުދުވީ ގޮތަށް ކުރިއަށްދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ. "މި ހަފްތާ އާއި މި އަންނަ ހަފްތާ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ."

މުޒާހަރާގެ ބައިވެރިން މިއަދު އޭސީސީ ތެރޭގައި: އެމީހުންގެ ޑިމާންޑަކީ ރަޖިސްޓްރީތައް އަވަހަށް ދިނުން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅުން އިތުރަށް ބިން ހިއްކުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގޯއްޗާއި ފްލެޓުގެ ރަޖިސްޓްރީ ނުލިބިގެން ގާތްގަނޑަކަށް 15 ވަރަކަށް މީހުން މިވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތެރޭގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. ގޯއްޗާއި ފްލެޓުގެ ބައެއް މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
މުޒާހަރާ ކުރާ މީހުން ކޮމިޝަނަށް ގޮސް ތިބީ އެމީހުންގެ ޑިމާންޑުތައް ލިޔެފައި ހުރި ބޯޑުތައް ހިފައިގެންނެވެ. ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދައް އިހުތިރާމް ކުރުމަށާއި ރަޖިސްޓްރީ އަވަހަށް ހަވާލު ކުރުމަށް އެމީހުން ދަނީ ގޮވާލަމުންނެވެ.












