ޒަކާތުގެ ނިޒާމު ފުރިހަމަ ކުރަން ވައުދުވެވަޑައިގަތުމަށްފަހު އެކަން ހަގީގަތަކަށް ހެއްދެވި ހަމައެކަނި ރައީސްއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުމުގެ މަގުސަދުގައި އުފެއްދެވި "ދިވެހިރާއްޖޭގެ ޒަކާތް ހައުސް" އިފްތިތާހު ކުރުމުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ ޒަކާތުގެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތް ލިބިދިނުމަށް އެ ނިޒާމު ފުރިހަމަވާންޖެހޭ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ޒަކާތުގެ ނިޒާމު ފުރިހަމަ ކުރުން ހަގީގަތަކަށް ހެއްދެވުމުގެ މަސައްކަތް ފުރިހަމަކޮށްދެއްވުނީ ހަމައެކަނި ރައީސް މުއިއްޒަށް ކަމަށެވެ.
"ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން، ރިޔާސީ މެނިފެސްޓޯގައި ޒަކާތުގެ ވާހަކަ ލިޔުއްވައި، އެ ކަން ހަގީގަތަކަށް ހެއްދެވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު،" ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޝަހީމް ވިދާޅުވި އެވެ.
ހުރިހާ ރައްޔިތުންގެ ކިބައިން ވެސް ރައީސް މުއިއްޒުގެ ވެރިކަމުގެ ދިފާއުގައި ތިބުމަށް ޝަހީމް މިއަދު އިލްތިމާސް ކުރެއްވި އެވެ. ހާއްސަކޮށް ދީނީ އިލްމުވެރިންނާއި އިސްލާމީ ޖަމިއްޔާތަކުގެ ވެރިން އެ ކަމުގައި ދެމި ތިއްބެވުމަށް ޝަހީމް އެދިވަޑައިގަތެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ވަގުތަކީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ވަރުގަދަކޮށް ގައުމީ ފޭރާން އަލުން ވިޔަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. މިފަދަ ދަނޑިވަޅެއްގައި ރައީސް މުއިއްޒު ފަދަ ވެރިއަކު ހުންނެވުމަކީ ނަސީބެއްގެ ގޮތުގައި ޝަހީމް ސިފަކުރެއްވި އެވެ.
"މި ވަގުތުގައި ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް، ކޮންމެ އުންމަތަކަށް ވެސް 100 އަހަރުން 1 އަހަރު ލިބިދޭ ފުރުސަތެއް،" ޝަހީމް ވިދާޅުވި އެވެ. "މި ވުޒާރާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއްބާރުލެއްވުން އެއީ ރަން އަކުރުން ލިޔަން ޖެހޭ ކަމެއް."
ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ފަދަ ޒަކާތާ ގުޅޭ ހުރިހާ މަސައްކަތެއް މީގެ ފަހުން ހިންގާނީ މިއަދު އިފްތިތާހު ކުރި ހައުސް އިންނެވެ.
ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެ މުއައްސަސާއިން ކުރާނެ އެވެ.
އެއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި އުފެއްދި މުއައްސަސާއެއް ކަމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.













