ފާއިތުވި ތިން އަހަރު ތެރޭ އެންމެ ގިނަ މީހުން އާސަންދައިން ފަރުވާ ހޯދީ ހިތާއި, ހިތުގެ ލޭ ހޮޅިތަކާއި ގުޅިފައިވާ ބަލިތަކަށް ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އާސަންދައިން މެޑިކަލް ޗެކަޕް ހެދުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ހިތާއި, ހިތުގެ ލޭ ހޮޅިތަކާ ގުޅިންހުރި ބަލިތަކަށް މިދިޔަ ތިން އަހަރު ތެރޭގައި 57,709 މީހުން ފަރުވާ ހޯދައިފައި ވެ އެވެ.
އޭގެ ތެރޭގައި ކޮލެސްޓްރޯލް, ސްޓްރޯކް އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ބަލިތައް ހިމެނެ އެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ފަރުވާ ހޯދީ, ފުއްޕާމެއާ ގުޅުންހުރި ބަލިތަކަށެވެ. އެފަދަ ބަލިތަކަށް 35,806 މީހުން ފަރުވާ ހޯދި އެވެ. އަދި 30,803 މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދި އެވެ.
އޭގެ އިތުރުން ކިޑްނީ ބައްޔާއި ކެންސަރު ބައްޔަށް ވެސް ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދާފައި ވެއެވެ. ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ނިމިދިޔަ ތިން އަހަރު ތެރޭގައި 11,635 މީހުން ފަރުވާ ހޯދިއިރު, ކެންސަރަށް ފަރުވާ ހޯދީ 3,294 މީހުންނެވެ.

ނިމިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތައް އާސަންދައިން ހާމަކޮށްފައިވާއިރު, 2020-2021 ވަނަ އަހަރު ހެދި ސާވޭއެއްގައި ދައްކާ ގޮތުގައި ރާއްޖޭހެ ކޮންމެ ހަތަރު މީހުންގެތެރެއިން އެކަކު ލޭ މައްޗަށް ދެ އެވެ. އަދި އާބާދީގެ 14 ޕަސެންޓް މީހުންގެ ހަކުރު ބަލި ހުރެ އެވެ.













