ރެއިން ފެށިގެން މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެން ވަދެ ގެއްލުން ލިބުނު ބައެއް ގޭގެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހާލަތު ބައްލަވާލައްވައިފި އެވެ.
ގެއްލުން ލިބުނު ގޭގެއަށް ރައީސް ވަދެވަޑައިގެން އުޅުއްވާ ވީޑިއޯތައް ވަނީ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން އެކްސްގައި ޕޯސްޓު ކުރައްވައިފަ އެވެ.
ރެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެ ވަނީ އާންމު ވިޔަފާރިތަކަށް ވެސް އެކިވަރުގެ ގެއްލުން ވެފަ އެވެ. އަދި ބައެއް ގެތަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާއިރު، ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

ވާރޭ ވެހި ފެންވަދެފައިވާ ގެއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ޒިޔާރަތް ކުރައްވަނީ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މާލެ ސަރަހައްދުގެ އެލާޓް ލެވެލް ވެސް މިއަދު މެންދުރު ފަހުން ފެށިގެން އޮރެންޖު އެލާޓަށް މަތިކޮށްފަ އެވެ.
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން ދާއިރު، މަގުމަތީގައި ހުރި ބައެއް އުޅަނދުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ.
އޭގެއިތުރުން ވިއްސާރައިގެ ސަބަބުން ހުޅުލެ އެއާޕޯޓުގައި ވެސް ފެންބޮޑުވެ ވައިގެ ދަތުރުތަކަށް ވަނީ ބުރޫއަރައިފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫއާއި ފުވައްމުލަކުގައި ވެސް ވަނީ ފެން ބޮޑުވެ މީހުން ދިރިއުޅޭ ގެދޮރަށް އެކިވަރުގެ ގެއްލުންވެފަ އެވެ. އެމީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ މިރެއާއި މާދަމާ ވެސް ވާރޭ ވެހޭނެ ކަމަށެވެ. ނަމަވެސް މިއަދަށް ވުރެ މާދަމާ މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެ އެވެ.













