ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާ ހަމަޔަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްފި އެވެ.
އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ ސާދައިގެ މަގު ޗާޓުގެ ދަށުން، މިއަދާ ހަމަޔަށް އަރާފައި ހުރި ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މައާފު ކުރަން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
ޖޫރިމަނާ މާފުކުރުމަށް ފަހު ފްލެޓުތަކަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ އެވެ.
އާބަންކޯއިން ފްލެޓުތަކުގެ އެއްބަސްވުންތަކަށް ވެސް ބަދަލު ގެންނަން ނިންމާފައި ވާއިރު އެ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެއާއެކު ކުލި ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓު ކަމުގައި ކަނޑައެޅިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ކުރިން ނަގަނީ އަހަރަކަށް 18 ޕަސެންޓެވެ. އާބަންކޯ އިން ބުނީ މިބަދަލާއެކު ދެން ޖޫރިމަނާގެ ގޮތުގައި ނަގާ އެއް ޕަސެންޓުގެ ފައިސާ ހަދިޔާ ކުރާނީ ޞަދަގާތް ފަންޑަކަށް ކަމަށެވެ.
މި ބަދަލުތަކާ އެއްގޮތަށް ފްލެޓުތަކުގެ އެއްބަސްވުން ބަދަލުކުރަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ މަހުގެ 10 އެވެ.












