މާލެއަށް ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި ކްރިމިނަލް ކޯޓުގައި މިހާރު ބޭނުން ކުރަމުންދާ އިމާރާތުގެ ތެރެއަށް ފެން ވަދެ، ކޯޓުގެ ސާވޭއަށް ލިބުނު ގެއްލުންތަކާއެކު މިއަދު ގިނަ މަސައްކަތްތަކެއް ނުކުރެވި ހިނގައްޖެ އެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު "އަދަދު" ނޫހަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ކޯޓުގެ ހުރިހާ ދިމާއެއްގެ ސީލީނުން ފެން ވަދެފައިވާ ކަމަށެވެ. ފެނުގެ އަސަރުކޮށްގެން ކޯޓުގެ ސާވާ ވެސް އެއްކޮށް ހަލާކުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އިދާރީ ގޮތުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރެވި މި ދަނީ، އިންޓަނެޓުގެ ހިދުމަތެއް ވެސް ނުލިބޭ، މިއަދު ބާއްވަން ޝެޑިއުލްކުރި ހުރިހާ އަޑުއެހުމެއް ވެސް ކެންސަލް، އެހެންވިޔަސް މުއްދަތު (ބަންދު މުއްދަތު ޖެހުމުގެ) މަޖިލިސްތައް ބާއްވަމުން އެބަދޭ،" ހަސަން ރަޝީދު ވިދާޅުވި އެވެ.
ސާވާ ރަނގަޅު ކުރުމަށް އަދި އެއްވެސް މަސައްކަތެއް ނުހިނގި ނަމަވެސް މިއަދު ހެނދުނު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބޭފުޅުން ހާލަތު ބެއްލެވުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އުޅުއްވި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ ކުރިން ވެސް ވިއްސާރަ މޫސުމުގައި ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ ހިދުމަތަށް ބުރޫ އަރާފައިވެ އެވެ. ކޯޓުގެ ސާވާއަށް ނޫނީ ސާވާ ރޫމަށް ފެން ވަދެގެން މީގެ ކުރިން ވެސް އެ ދުވަހަކަށް ތަވާލުކުރި އަޑުއެހުންތައް ކެންސަލް ކުރަން ޖެހިފައި އެބަ ހުއްޓެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބާ އިމާރާތް ބޭނުންކުރުން، މި އަހަރު ފެބްރުއަރީ މަހު ހުއްޓާލި އެވެ. އެ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާ އިރު، މިހާރު ބޭނުންކުރާ އިމާރާތް ވެސް ވަރަށް ހާލު ދެރަކޮށެވެ.
އޭގެ ފަހުން މިދިޔަ 10 މަސް ދުވަހު ކޯޓު ހިންގީ ޖާގައިގެ ދަތިކަން ބޮޑުވެގެންނެވެ. އެހެންވެ ކޯޓުގައި މައްސަލަތައް ނުނިމި ދިގުލައިގެން ގޮސް، މައްސަލަތައް ހުރީ ފުނިޖެހިފަ އެވެ. އެ ސަބަބާ ހުރެ ކޯޓު ރެސެސްއަކަށް ވެސް ނުދެ އެވެ. އާންމުކޮށް އަހަރު ފަހުކޮޅު ކޯޓުތައް ރެސެސްއަށް ދެ އެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ކުރުން ހުއްޓާލާފައި ވެސް ވާއިރު، އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވެ އެވެ.












