އަލްމަސްޖިދް އަލީ ހުސައިން (މާވެޔޮ މިސްކިތް) ގެ ބޭރުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ހަ އަހަރު ފަހުން ނަގައި، އެ މަގު ބޭނުން ކުރުން ފަސޭހަކޮށްފި އެވެ.
މިހާރު އެ މާވެޔޮ މިސްކިތް ބިނާކުރަން ފެށީ 2017 ވަނަ އަހަރު އެވެ. ޓްރާންފޯމަރު މަގުމަތީގައި ބެހެއްޓީ އެ ހިސާބުން ފެށިގެންނެވެ. އެއަށް ފަހު މިސްކިތް ނިންމައި 2020 ވަނަ އަހަރު ހުޅުވުމަށް ފަހު ވެސް އެ ޓްރާންސްފޯމަރު ނުނަގަ އެވެ.
އެހެންވެ، އެ މަގުން ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް އުނދަގޫތައް ކުރިމަތިވެ އެވެ.
ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތަކީ ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު ސަމާލު ކަމެއް ދެއްވި އެއް މަސައްކަތެވެ.
އެ ސަރަހައްދުގެ އެހާރާއި މިހާރުގެ ފޮޓޯއަކާއެކު ފަހުމީ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމަށެވެ.


މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު އެހާރާއި މިހާރު ---
"މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއް ނެތި އެ މަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތައް،" ފަހުމީ ވިދާޅުވި އެވެ.













