ބޭރުގެ ބައެއް ގައުމުތަކުގެ އެހީއާ ނުލައި ރާއްޖެއަށް ކުރިއަށްދެވޭނެ ކަމަށާއި އެކަން ރައްޔިތުންނަށް ފަހުން އިހުސާސްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ 13 މެމްބަރަކު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅުމަށް މިރޭ ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ދަނީ ބޭރުގެ ގައުމުތަކާ ގުޅުން ގާއިމް ކުރަމުން ކަމަށާއި ނަމަވެސް "އެހެން ބައެއް ފަރާތްތަކުގެ" އެހީއާ ނުލައި ރާއްޖެއަށް ކުރިއަށް ދެވޭނެ ކަމަށެވެ.
"ބޭރުގެ، ދުނިޔޭގެ އެކިއެކި ގައުމުތަކާ ގާތް ގުޅުން އުފެއްދުމުގައި އަޅުގަނޑުމެން މި ދަނީ އިރާދަކުރެއްވިޔާ ވަރަށް ކުރިއަށް. އަދި މި ވީ ކުޑަ ދުވަސްކޮޅެއް. އެހެން ނަމަވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ. ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ، އިރާދަކުރެއްވިޔާ މާ ގިނަ ދުވަސްތަކެއް ނުވެ، ރައްޔިތުންނަށް އެކަމުގެ އިހުސާސްވާން ފަށާނެ. އަޅުގަނޑުމެންނަކީ އަމިއްލަވަންތަ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި، އެހެން ބައެއް ފަރާތްތަކުގެ އެހީތެރިކަމާ ނުލާ ކުރިއަށްދެވޭވަރުގެ ގައުމެއްކަން އަޅުގަނޑުމެންގެ ޓީމުން ސާބިތުކޮށްދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވިދާޅުވި ވާހަކައިގެ ހަގީގަތް މިވަގުތު ނުބުނެދެވުނު ނަމަވެސް އެކަމުގެ ހަގީގަތް ފަހުން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
"މި ދެންނެވި ވާހަކައިގެ ހަގީގަތް ކަމުގެ ބާވަތުން ދަންނަވާ ނުލެވުނަސް ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ސާފުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް ދެއްކެވީ އިންޑިއާގެ އެހީއާ ނުލައި ކުރިއަށްދެވޭނެ ވާހަކަ އެވެ. އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމުގެ ވާހަކަ ވެސް ރައީސް މިރޭ ދެއްކެވި އެވެ. އަދި އެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
"އަޅުގަނޑު ފުރިހަމަ ޔަގީންކަން އެބަ އޮތް ރައްޔިތުން އެދިލެއްވި ގޮތަށް އަދި އަޅުގަނޑު ވެސް ބޭނުންވާ ގޮތަށް މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ނިންމަވާނެ. ނިންމުމަށްޓަކާ ކުރަންޖެހުނު ކޮންމެ މަސައްކަތެއް ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެމްޑީޕީން ވެސް މަސައްކަތް ކުރަންވީ އިންޑިއާ ސިފައިން ބޭލުމަށް ކަމަށެވެ.
"އެއީ ޑިމޮކްރެޓިކް ނިންމުމަށް އިހުތިރާމް އަދާ ކުރުމަށްޓަކައި މިއަދު އެމްޑީޕީން ވެސް ކުރަންވީ ކަމަކީ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތަންކޮޅެއް މެމްބަރުން ގިނަކޮށް ތިއްބެވީމާ އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމަކަށްވާނީ. ޑިމޮކްރަސީއާ ރައްޓެހި ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.












