މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުހިމަނާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި ނަމަވެސް އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ ވުޒާރާތަކުގެ މެންޑޭޓުތައް މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.
ނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުން މާދަމާގެ އެޖެންޑާގައި ހިމަނާފައި އެބަ އޮތެވެ.
މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް މި އަހަރުގެ ފަހު ދައުރުގެ މުއްދަތު މީގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތިން އިތުރު ވެސް ކޮށްފަ އެވެ. އިތުރުކުރި މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
އޭގެ އިތުރުން، މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ތިން މެންބަރަކު ހުށަހަޅާ ތިން ބިލެއްގެ ފުރަތަމަ ކިޔުން ވެސް މާދަމާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ ބިލުތަކަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމުގެ ބިލެވެ.

އެޖެންޑާގައި ދެން ހިމަނާފައިވަނީ، "މިނަމަޓާ ކޮންވެންޝަން އޮން މަކިއުރީ" ގައި ރާއްޖެއިން ބައިވެރިވުމާމެދު މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމާއި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދާ ގޮތުގައި ހާމަކަން ނެތުމުން ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް ހުށަހަޅާފައިވާ މައްސަލަ އެވެ.











