މިއަދާ ހަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 81 މަގާމު އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 122 މަގާމު އުފައްދާފައިވާކަން ރައީސް އޮފީހުގައި ވެބްސައިޓުގައިވާ މައުލޫމާތުތަކުން އެނގިއްޖެ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެކުރިން ބޭފުޅުން އައްޔަނު ކުރުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ބޭފުޅުންގެ ނަންްތަކާއި, އެޑްރެސް އަދި އައްޔަނުކުރި މިނިސްޓްރީ އެގޭނެހެން ހާމަކުރަމުންދިޔަ އެވެ.
ނަމަވެސް, މިފަހުން އެފަދަ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެ ސުވާލު އަމާޒުކުރުމުން ފަހުން ހިއްސާކުރާނެ ކަމަށް ވިދާޅުވެ މަގާމުތަކުގެ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.
އެހެންކަމުން, "އަދަދު" ނޫހުން ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތުތައް އެއްކޮށް ޖަމާކޮށް ހިސާބު ހަދާފަ އެވެ.
އެގޮތުން, ބަލާއިރު މި ސަރުކާރުގައި 81 ސްޓޭޓް މިނިސްޓަރުން އަދި 121 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. އެ ބޭފުޅުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ހޭދަވާނެ މިންވަރު ވެސް ތިރީގައި ހިމަނާލާނަމެވެ.

81 ސްޓޭޓް މިނިސްޓަރުން
- މުސާރަ - 47,000ރ. (ސާޅީސް ހަތްހާސް ރުފިޔާ)
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 3,760,000ރ. (ތިން މިލިއަން ހަތް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ)
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 45,120,000 (ސާޅީސް ފަސް މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާ)
ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ހިމަނާފައިވާނެ އެެވެ. ގައުމީ ޔުނިވާސިޓީއަށް ޗާންސެލަރު އައްޔަނުކޮށްފައި ވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
122 ޑެޕިއުޓީ މިނިސްޓަރުން
- މުސާރަ - 35,000ރ. (ތިރީސް ފަސްހާސް ރުފިޔާ)
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 4,270,000ރ. (ހަތަރު މިލިއަން ދެ ލައްކަ ހަތްދިހަ ހާސް ރުފިޔާ)
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 51,240,000ރ. (ފަންސާސް އެއް މިލިއަން ދެ ލައްކަ ސާޅީސް ހާސް ރުފިޔާ)
އޭގެ ތެރެއިން އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބެވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ހަތް ސްޓޭޓް މިނިސްޓަރު އެބަ ތިއްބެވި އެވެ.
އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބެވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 13 ބޭފުޅުން އެބަތިއްބެވި އެވެ.
މި ހިސާބުތައް ހެދިއިރު ވެސް ބައެއް މަގާމުތަކާ ގުޅޭ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް ހިމަނާފައި ނުވެ އެވެ. އެގޮތުން, ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ވަޒީފާއަށް މިހާރު ވެސް ނުކުންނަމުންދާ މީހުންގެ ވަނަވަރު ރައީސް އޮފީހުގެ ވެބްސައިޓުގައި ނެތެވެ.
ސިޔާސީ 246 މުވައްޒަފުން; މުސާރައަށް 128 މިލިއަން
ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާއިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އެމަނިކުފާނު ވަނީ 21 ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ. އޭގެ ތެރެއިން ދެ ބޭފުޅުން އައްޔަންކުރެއްވީ މުސާރަ ނުލިބޭ ގޮތަށެވެ. އެއީ ރައީސަށް ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާއިން ލަފާ ދެއްވުމަށް އައްޔަނުކުރި ދެ އެޑްވައިޒަރުންނެވެ.
މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކާ އެއްކޮށް 66,000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1,254,000ރ. ހޭދަވާނެ އެވެ.
ކެބިނެޓު ވަޒީރުން ހިމެނޭހެން 43 މިނިސްޓަރުން ފެންވަރުގެ ބޭފުޅުން މި ސަރުކާރުން އައްޔަނުކޮށްފައިވާއިރު އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކަށް 2,706,000ރ. މަހެއްގެ މައްޗަށް ހޭދަވާނެ އެވެ. އަހަރެއްގެ މައްޗަށް 32,472,000ރ. އެ ބޭފުޅުންގެ މުސާރައަށް ހޭދަވާނެ އެވެ.
އެހެންކަމުން, ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނާ 246 ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް 128,832,000ރ. (ސަތޭކަ އަށާވީސް މިލިއަން އަށްލައްކަ ބައްތިރީސް ހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި 246 ބޭފުޅުންގެ މުސާރައަށް 644,160,000ރ. (ހަ ސަތޭކަ ސާޅީސް ހަތަރު މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ހޭދަވާނެ އެވެ.
މި މަގާމުތަކުގެ އިތުރުން ސަރުކާރުން ވަނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ވެސް މަގާމުތަކެއް އުފައްދާފަ އެވެ. ނަމަވެސް, އެ މަގާމުތަކަށް އައްޔަނުކުރި މީހުންނާއި އެ މީހުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުތަކެއް ސަރުކާރުން ހާމަނުކުރެ އެވެ. ވަކިވަކި ބައެްއ މިނިސްޓްރީން ދަނީ އެ މަގާމުތަކަށް އައްޔަނުކުރާ މީހުންނަށް ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅު ހިމެނޭހެން ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރުނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. އޭގެ ތެރޭގައި އެ ތަންތަނުގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް އޭރު ބުނެފައިވެ އެވެ.












