މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެފައިވާތީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ހުއްދައެއް ނެތި ޒަރޫރީ އެއްވެސް ބޭނުމަކާ ނުލައި ނުވަނުމަށް އާބަންކޯއިން އިލްތިމާސްކޮށްފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ހުޅުމާލޭގައި އާދަޔާހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްރެއް ކަމަށާއި އެ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މަދިރީގެ ނުރައްކަލުން ސަލާމަތްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ނުވަދޭ ގޮތަށް ބަންދުކޮށްފައި އޮންނަނީ ކޮންސްޓުރަކްޝަން މަސައްކަތް ކުރާ ސަރަހައްދުތައް ހިމެނޭހެން ތިންވަނަ ފިޔަވައްސަށް ދެވޭ މަގުތަކާއި ތިންވަނަ ފިޔަވައްސެވެ. އެ ސަރަހައްދުތަކަކީ އާންމުކޮށް މީހުން ވަދެ ނޫޅޭ ސަރަހައްދުތަކެއް ނަމަވެސް ބައެއް ކަހަލަ ކުޅިވަރުތައް ކުޅޭ ފަރާތްތަކުން އެ ސަރަހައްދުތައް ބޭނުން ކުރަމުންދެ އެވެ.
އާބަންކޯގެ ބަޔާނުގައި, އެ ސަރަހައްދުތަކަކީ އާންމުންނަށް ބަންދުކޮށްފައިވާ ސަރަހައްދުތަކެއް ނަމަވެސް ބައެއް ފަރާތްތަކުން އެ ސަރަހައްދުތަކަށް މަދުން ނަމަވެސް ވަންނަކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރި އެވެ.
އާބަންކޯއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފައިލޭރިއާގެ ކޭސްތަކެއް ހުޅުމާލެއާއި މާލެ އަދި ކުޅުދުއްފުށިން ފެނިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ކޯޕަރޭޝަނުން އަންނަނީ މަދިރި މަދުކޮށް، ފައިލޭރިއާ ފެތުރުން ހުއްޓުވަން ހުޅުމާލެ ފޮގުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފައިލޭރިއާއަކީ މީގެ ކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެެއްގެ ތެރެއިން ވަނީ އެބަލި ޖެހިފައި ތިބި މީހުންތަކެއް ދެނެގަނެވިފަ އެވެ. އެއަށްފަހު ކުރިއަށް ގެންދިޔަ ސްކީރިނިން ޕްރޮގުރާމުތަކުގެ ތެރެއިން ހުޅުމާލެއިންނާއި މާލެއިން ވެސް ވަނީ ފައިލޭރިއާ ޖެހިފައިވާ ބިދޭސީ މަސައްކަތްތެރިތަކެއް ދެނެގަނެވިފަ އެވެ.
އެ އެންމެންނަށް ވަނީ ފައިލޭރިއާ ބޭސް ދީފަ އެވެ. އެ ބޭހަކީ ބަލި ޖެހިފައިވާ މީހާގެ ގައިން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވައިދޭ ބޭހެކެވެ.
އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވްވީ މީހުންނަކީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުން އައިސްފައިވާ މީހުން ކަމަށެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ބަލި ޖެހިފައިވާ މަސައްކަތްތެރިން ނިސްބަތް ވަނީ އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓަމިލް ނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާއަށެވެ.
ރާއްޖެއިން މި ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލިބުނީ 2016 ގަ އެވެ. ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކުރީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ.
ފައިލޭރިއާގެ އިތުރުން ޗިކުންގުންޔާ އާއި ޑެންގޫ ހުން ފަދަ ބަލިތަކަކީ ވެސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކެވެ. ހުޅަނގު ވިއްސާރައާއި ގުޅިގެން ކޮންމެ އަހަރަކު ވެސް މަދިރިން ޖެހޭ ބަލިތައް އިތުރު ވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.












