ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ތަންތަނަށް އިންވެސްްޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ވާނީ އެސްއީޒެޑް ގާނޫނުގެ ދަށުން އެސްއީޒެޑް އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވާލާފައި. އޭގެ ތެރެއިން ވެސް މިހާރު އުފަލާއެކު ދަންނަވަން ފުރަތަމަ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެއީ ވެސް ރިނިއުބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓު ހާސިލުވެގެންދާނެ އެސްއީޒެޑް ޕްރޮޕޯސަލެއް," މިރޭ ރައީސް އިއުލާނު ކުރެއްވި އެވެ.
އެއީ ކޮޕް28 އަށް ފަހު އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށް ގައުމަކުން ފަށާނެ ފުރަތަމަ މަޝްރޫއުއަށް އެކަން ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީން އެކި ދައުރުތައް އަދާކުރަން ޖެހޭނެ މަޝްރޫއުއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވިއިރު ސަރުކާރުން ވަނީ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިއަން ޑޮލަރަށް ދަށްކޮށްފަ އެވެ. ކުރިން އެންމެ ދަށް އަގެއްގެ ގޮތުގައި އޮތީ 150 މިލިއަން ޑޮލަރެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ގޮތުަގައި ކަނޑައަޅާ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި އެ ފަދަ މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ރައީސް ކަނޑައެޅުއްވީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުން އެމަނިކުފާނަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.












