ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގިނަ ބަޔަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ދެވަނަ ބައި ހިއްކުމުގެ މަސައްކަތް މި ހަފުތާގެ ތެރޭ ފަށަން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.
އެ މަޝްރުއޫގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އާބަންކޯއިން ވަނީ ކުރިން ބުނެފަ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބައި ހިއްކަން ފެށީ ސެޕްޓެމްބަރު މަހުގެ 22 ގަ އެވެ.
ދެވަނަފިޔަވަހީގެ މަސައްކަތް މިހަފްތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ.

މިގޮތުން ހުސްކުރަންޖެހޭ ސަރަހައްދަކީ އެކުލަވާލެވިފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކުރެވިފައިވާ ސަރަހައްދު - ފޮޓޯ: އާބަންކޯ
އާބަންކޯއިން ބުނީ މިކަމާއިގުޅިގެން އިތުރު މައުލޫމާތެއްވާނަމަ އެ ކުންފުނީގެ 1516 އަށް ގުޅުމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް އެ ސަރުކާރުން ނިންމި އެވެ.
އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލޭން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރާނީ 1351 ގޯއްޗެވެ. އަދި ގުޅީފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.












