ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ކުރިއަށްދިޔަކަން ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ އާންމުކޮށްފަ އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު އާ ސުވާލުކުރުމުން ވިދާޅުވީ މި ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ސިޔާމްގެ އިތުރުން ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މިއަދު ރައީސް މުއިއްޒު އާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި މި ވަނީ ރައީސް އަދި ނައިބު ރައީސް އަޒުލުކުރުމުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭއިން ތާއިދުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް ދެވަނަ ބުރުގެ ވޯޓަށް ދެ ދުވަހަށް ވެފައި ވަނިކޮށް އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި, އެ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުއިއްޒު އަށް ތާއީދުކުރުމަށް އެ ޕާޓީން ނިންމި އެވެ.












