ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ ސަރުކާރާ މަޝްވަރާ ނުކޮށް ކަމަށާއި މުސާރައަށް އިތުރުވާ ބައި ނުނަންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ފާސްކުރީ އިއްޔެ އެވެ. އިއްޔެ ފާސްކުރި ހުށަހެޅުމުގައިވާ ގޮތުން ރައީސްގެ މުސާރަ 100،000.ރ އިން 120،000.ރ އަށް ބޮޑުވެ އެވެ.
އެ ބަދަލާ ގުޅޭ ގޮތުން އެކްސްގައި މިއަދު ލިއުއްވި ލިއުއްވުމެއްގައި ރައީސް ވިދާޅުވީ މުސާރަ ބޮޑުކުރަން ސަރުކާން އެދިފައި ނުވާނެ ކަމަށެވެ. "ބޮޑުކުރަން ބޭނުމެއް ވެސް ނޫން" ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި މިގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައަށް ލިބޭ ކުރިއެރުން، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" ރައީސް ވިދާޅުވި އެވެ.
ރަސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ.

މާލިއްޔަތު ކޮމިޓީން އިއްުޔެ ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ. އަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 66،000ރ. އިން 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންނާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
މާލިއްޔަތު ކޮމިޓީން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.












