ވެރި ރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު މިރޭ ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި،" ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުނު ސަބަބު ދަނެގަނެ އެކަން ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"މައްސަލަ ދަނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކަރަންޓު ކެނޑުނީ މާލޭގެ ކޮން ސަރަހައްދުތަކުން ކަމެއް ސްޓެލްކޯއިން ނުބުނެ އެވެ. އަދި މައްސަލަ ހައްލު ކުރަން ނަގާނެ ވަގުތެއް ވެސް އެ ކުންފުނިން ނުބުނެ އެވެ.
އެންމެފަހުން މިދިޔަ އަހަރު ނެގި ބޯހިމެނުމުގައި މާލޭގައި 212،138 މީހުން ދިރިއުޅެ އެވެ.











