ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި މިނިސްޓްރީތަކުގެ މެންޑޭޓުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އާ ސަރުކާރުން ކަނޑައެޅި މެންޑޭޓުތައް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މިއަދު ކަމަށެވެ. އެ މެންޑޭޓުތައް އެކުލަވާލެއްވީ މީގެ އެއް މަސް ދުވަސް ކުރިންނެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.
މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުންދޭން އެޖެންޑާ ކުރި ނަމަވެސް މެންޑޭޓު ފާސްނުކުރާތީ ރުހުންދިނުމުގެ މައްސަލަ ވަނީ ފަސްކޮށްފަ އެވެ.
އެގޮތުން މިއަދުގެ ޖަލްސާ މިއަދު ފެށުމާ އެކު ތުޅާދޫ ދާްއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ރިޕޯޓް ކޮމިޓީން ފާސްކޮށްފައި އޮތީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ.

އެ ނުކުތާ ބަލައިގަނެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެކަމާ ބެހޭ ގޮތުން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރެއްވުމަށެވެ. ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވައިލީ އެ މަޝްވަރާތަކަށް ފަހުގަ އެވެ.
"ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ އާއި 200 ވަނަ މާއްދާގެ އ އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް، އެއީ މި މަޖިލީހުން ފާސްކުރުމަށް ރައީސް ހުށަހަޅަން ޖެހޭނެ މަސައްކަތްތަކެއް، މިހާރު ސަރުކާރުން މި މިނިސްޓްރީތައް ގާއިމް ކޮށް 30 ދުވަސް ވެފައިވާއިރު، މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރަން ފޮނުވާފައި ނުވާތީ، މިނިސްޓަރުންނަށް ރުހުން މި ދެނީ އެ ބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާ ކުރުމަށް ނުވަތަ އަދާ ކުރުމުގެ ގާބިލުކަން ހުރެގެންތޯ ނުވަތަ ނެތިގެންތޯ ރިޕޯޓުން ސާފެއް ނުވޭ،" ހިސާން ވިދާޅުވި އެވެ.













