ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ބިޔަ ވައުދުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅުހިއްކުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
ފުށިދިއްގަރުފަޅު ހިއްކަން މިއަދު ފަށާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ޕްރޮޖެކްޓަށް ފައިސާ ހޯދާނެ ގޮތެއް ސަރުކާރަކުން އަދި ނުބުނެ އެވެ. މިއަދުގެ ފަހުގެ ވަގުތެއްގައި އެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ.
ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވި ގޮތުގައި އެ ފަޅު ހިއްކުމުހެ މަސައްކަތް މިއަދު ފަށާނެ އެވެ. އެކަމަށްޓަކައީ މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި އާބަންކޯއިން އެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގައި މިހާރުވެސް ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ނަމަވެސް އެއްބަސްވުމާ ގުޅޭ ގޮތުންނާއި މަޝްރޫއުއާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއިން ވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ކުރީ ސަރުކާރުން ހިއްކާފައި ހުރި ފަޅުތައް ތަރައްގީކުރުމުގެ ބަދަލުގައި މި ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން މުޅިން އާ މަޝްރޫއެއް ފަށަން އުޅޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަންވެސް ބަޖެޓުން ވަނީ އުނިކޮށްފަ އެވެ.











