މިހާރު ވައުދަކީ ޔާމީން މިނިވަންކުރުމެއް ނޫން، "ކޯޓަށް ނުފޫޒު ނުފޯރުވުން"

ރިޔާސީ ކެމްޕޭންގެ ތެރެއިން ރައީސް މުއިއްޒު : ކައިރީގައި ޔާމީނުގެ ނަން ޖެހި ގޮނޑިއެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު

ރިޔާސީ ކެމްޕޭންގެ ތެރެއިން ރައީސް މުއިއްޒު : ކައިރީގައި ޔާމީނުގެ ނަން ޖެހި ގޮނޑިއެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު

ވެރިކަމާ ހަވާލުވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ދުރު ވާހަކަތަކެއް ސަރުކާރުން މިއަދު ދައްކައިފި އެވެ.

ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައިސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ. އެއަށްފަހު މި ސަރުކާރުން ބާއްވާ ހުރިހާ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ޔާމީނު މިނިވަންކުރުމާ ގުޅޭ ސުވާލުތައް ދަނީ ކުރިމަތިވަމުންނެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މި ވެރިކަމުގައި ޔާމީނުގެ މައްޗަށް ހުކުމެއް ނީއްވާ ކަމަށާއި ޝަރުއީ ނިޒާމު މިނިވަންވި މިންވަރު ފެންނާނީ ހުކުމްތަކަށް ބެލުމުން ކަމަށެވެ.

"މާނައަކީ ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު މިމޭރުމުން ވާހަކަ ދެއްކެވި އިރު، ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އޮކްޓޯބަރު ދެވަނަ ދުވަހު ބޭއްވި ހަފުލާއެއްގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާ ހިސާބުން ޔާމީނު މިނިވަންވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ 17 ނޮވެމްބަރާ ހަމައަށް ދާއިރުގައި މިހާރު އޮތް ޕްރޮޮސެސްއިން އެމަނިކުފާނު މިނިވަން ނުވާ ކަމުގައި ވާނަމަ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުފޫޒު ފޯރުވާތީ، އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަށޭ، އެ ހިސާބުން އެމަނިކުފާނު މިނިވަން ވާނެ" އެ ރޭ ރައީސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝަހީބު ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މިނިވަންކަން އިނގޭނީ ހުކުމެއް ކުރުމުން ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ. ނަމަވެސް، ޔާމީނުގެ ޝަރީއަތްތައް އަވަސްކޮށް، އޭރު ވިދާޅުވި 'ހަރާން ހުކުމް' ބާތިލްކުރައްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ދެ ރައީސުންގެ ގުޅުން ގޯސްވެ، ޔާމީނު އަލަށް އުފައްދަވާ ޕާޓީ ކަމަށްވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން އެމަނިކުފާނު ސޮއިކުރައްވި މައްސަލަވެސް މިހާރު ދަނީ ކަރެކްޝަންސްއިން ބަލަމުންނެވެ. ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ނުހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox