ރާއްޖެއިން ނައްތައިލިތާ ގިނަ ދުވަސްތަކެއްވެފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބިދޭސީންގެ ބަޔަކު ބައްޔަށް ކުޅުދުއްފުށީގައި ތިބިކަން އެރަށުގެ ބައެއް މީހުން އެބައްޔަށް ޓެސްޓްކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގޭ މީޑިއާ އޮފިޝަލަކު މިއަދު "އަދަދު"އަށް ވިދާޅުވީ ކުޅުދުއްފުށިން ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. ކުޅުދުއްފުށީގެ ބައެއް މީހުންނާއި އެރަށުގައި ތިބި ހުރިހާ ބިދޭސީން ބައްޔަށް ސްކްރީން ކުރީ އެގޮތުންނެވެ.
ކުޅުފުދުއްފުށި ސިޓީކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ޓެސްޓްކުރި މީހުންގެ ތެރެއިން އެކަކު ވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުން ކުރާ އަނެއް ކަމަކީ އެޗްޕީއޭއިން ބުނި ގޮތުގައި މަދިރި އުފެދޭހެން ހުރި ތަންތަން ނައްތަައިލުމުގެ މަސައްކަތެވެ. އެ ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ފަށައިފަ އެވެ.
ކުޅުދުއްފުށިން ފައިލޭރިއާ ޖެހިފައިވާ ބަޔަކު ފެނުނުކަން ހެލްތު މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ހާމަކުރި ގޮތުގައި ކުޅުދުއްފުށިން ޖުމްލަ 17 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. 2016 ވަނަ އަހަރު ރާއްޖެއިން އެ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދީފަ އެވެ. އެއީ އާބާދީގެ އެކެއް އިންސައްތައަށްވުރެ ކުޑަކޮށް ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.
ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސްއާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން ބޭސް ދެވުނުވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައެއް ނުވެ އެވެ.
ފައިލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ.












