ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެކަމަށްޓަކައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލްގެ ލާނިން ސަޕޯޓް ކުލާހަށް ބޭނުންވާ ވަސީލަތްތައް ހަދިޔާ ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ދިރާގާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ތިނަދޫ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.
ދިރާގުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރު، ހެޑްސެޓް، އަދި ކްލާސްރޫމް ސެޓްއަޕަށް ބޭނުންވާ ބީންބޭގްތައް އަދި ފްލޯމެޓް ހިމެނެ އެވެ.
ދިރާގުން ބުނީ މި އެހީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ މި އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިރާގުގެ ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް ޑިރެކްޓަރު މަސްއޫދު އަލީ ވަނީ އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް، އިންކްލޫސިވް އެޑިއުކޭޝަން ގާއިމު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް ކުރިއެރުން ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ދޭ އަހަންމިއްޔަތު ކަމަށް ތައުރީފު ކުރައްވައި ސްކޫލަށާއި ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް އޭނާ އަރިސްކުރެއްވި އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ވާހަކަ ދައްކަމުން އެ ސްކޫލުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވިދާޅުވީ ލާނިން ސަޕޯޓް ކުލާހަށް އިތުރުވެގެން މިދިޔަ ވަސީލަތްތަކުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޕްރިންސިޕަލް ޝިފާޒް ވިދާޅުވި އެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުއާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމައަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމައުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.












