ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ތަންތަނަށް އެންމެ ކުޑަކޮށް އިންވެސްޓު ކުރެވޭ މިންވަރު 100 މިލިއަން ޑޮލަރަށް ދަށްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖެނުއަރީ 31، 2018 ގައި ނެރުއްވި ގަރާރަކުން ކަނޑައަޅުއްވާފައި އޮތީ އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި އެންމެ ކުޑަކޮށް އިންވެސްޓު ކުރެވޭނެ މިންވަރަކީ 150 މިލިއަން ޑޮލަރު ކަމަށެވެ. އެ ގަރާރު ބާތިލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިޔަން ޑޮލަރެވެ.
ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި އޮތް އަނެއް ތަފާތަކީ އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި ޔާމީނުގެ ގަރާރުގައި ލިސްޓްކުރައްވާފައިވާ ކަންތައްތަކުގެ އިތުރަށް ފުޑް ސެކިއުރިޓީ (ކާނާގެ ކަށަވަރުކުރުން) ގެ ބައި ހިމަނާފަ އެވެ.
އޭގެ އިތުރުން "ގޭސް އެކްސްޕްލޮރޭޝަން" (ތެޔޮ ހޯދުން) އަދި އިއާދަކުރަނިވި ހަކަތަ ވަނީ ވަކިކޮށްފަ އެވެ.
އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތައް
(ހ) އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތައް

(ށ) ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް.
(ނ) ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް.
(ރ) ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް.
(ބ) އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
(ޅ) އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
(ކ) ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް.
(އ) ފުޑް ސެކިއުރިޓީ ދާއިރާ
(ވ) ގޭސް އެކްސްޕްލޮރޭޝަން މަސައްކަތްތައް
ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ގޮތުަގައި ކަނޑައަޅާ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި އެ ފަދަ މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ރައީސް ކަނޑައެޅުއްވީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުން އެމަނިކުފާނަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.












