ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯއްދެވީ އޮޅުވާލައިގެން ކަން ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ޖަމީލު މިއަދު ވިދާޅުވީ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރައީސް މުއިއްޒު ވެރިކަން ހޯއްދެވީ އޮޅުވާލައިގެން ކަމަށްވާތީ ވެރިކަމުގެ "މޯރަލް ލެޖިޓިމަސީ" ވެސް ގެއްލިފައިވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވި ނަމަވެސް, ކުރީގެ ރައީށް އަބްދުالله ޔާމީން މިނިވަން ނުވެ ހުންނެވުމުގެ ސަބަބުންނެވެ.
ޔާމީނުގެ ލީޑަޝިޕްގެ ދަށުގައި ކޯލިޝަނެއްގެ ގޮތުގައި ކުރިން ހިންގަމުން އައި ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީނު މިނިވަން ކުރައްވާނެ ކަމަށެވެ.
އެ ވައުދު އެހެން އޮތް އިރު, ޔާމީނު މިނިވަން ނުވެ ހުރީ ކޮން ކަމެއް ނުވެގެންތޯ ސުވާލު ކުރުމުން ސަރުކާރުން އެކަމަށް ދިނީ ފިނި ޖަވާބެކެވެ.
"ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވޭ ޝަރުއީ ނިޒާމުގެ ތެރެއަށް އޮތް ނުފޫޒު ނިމުމަކަށް ގެންނަން ޖެހޭ ވާހަކަ. އެ ނިމުން ގެނައުމުގެ ތެރެއިން ހާސިލުކުރަން ބޭނުންފުޅުވާ އަމާޒުތަކެއް، މަގުސަދުތަކެއް ހުރިކަން. އެކަމަށް ޓަކައި ހަފުތާ 14 ގެ ތެރޭގައި ވެސް ކަންތައްްތަކެއް ހިމެނިފައިވޭ، އެ މަސައްކަތްތައް ބާރަށް ކުރެވެމުން އެބަދޭ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ހަދަން ޖެހޭ ގާނޫނުތަކާއި ގާނޫނުތަަކަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމަށް ރައްދު ދެއްވައި ޑރ. ޖަމީލު ވިދާޅުވީ ރައީސް މުއިއްޒުގެ ކެމްޕޭން ބިނާ ކުރެއްވީ ޔާމީންގެ ހުކުމްތައް ހަރާމް ކަމަށާއި, އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން މިއަދު ޖިނާއީ އަދި މަދަލީ އަދުލޭ ކިޔައި, އޮޅުވާލެވޭނެ ޖާގައެއް ނެތް ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ވެރިކަން ފުރޮޅިއްޖެ, ރައީސް ޔާމީނަށް ލުޔެއްވެސް ނުލިބޭ. ހުކުމްވެސް އަވަސް ނުވޭ. އިންޑިއާ ސިފައިން ފުރަތަމަ ހަފްތާ ފާއިތުވި އިރު ތިބި ކަމެއް, އަދި އަދަދުވެސް ނޭގޭ. މިއީ ސަމާސާއެއް ނޫން" ޑރ. ޖަމީލު ވިދާޅުވި އެވެ.













