ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގަ އެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އެ ހުށަހެޅުން ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ.
"އިއްޔެ އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ނިންމުމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅިފައި އޮންނާނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާ ބުނާ އުސޫލުން. މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ," އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވެފައިވެ އެވެ.
އެ ނިންމުން އަދި މަޖިލީހުގެ ތަޅުމަށް އަދި ނުފޮނުވަ އެވެ. ފެށޭ ހަފުތާގައި އެ ހުށަހެޅުން އެމްޑީޕީގެ އަގުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

ގަވާއިދަށް ގެނެސްފައިވާ ބައެއް ބަދަލު
ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި ހަމަތަކާއި ތަރުތީބުތަކެއް މަޖިލީހުގެ ގަވާއިދަށް ގެންނަން ކޮމިޓީން ފާސްކުރި އެވެ. އެ ބަދަލުތަކަކީ؛
- ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
- ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
- އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
- ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
- ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
- އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް
މަޖިލީހުގެ ގަވާއިދަށް ގެންނަ މި ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްހުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ފަސޭހަ ވެގެންދާނެ އެވެ.
ރާއްޖޭގެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހުން އަޒުލުކޮށްފައެއް ނެތެވެ. ރައީސް ޔާމީންގެ ދެ ނައިބު ރައީސުންކަމުގައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އަހުމަދު އަދީބު، މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.












