ރިޔާސީ ރޭހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގެންނެވި އިރު 4،000 މެމްބަރުން ވެސް ހަމަނުވެ އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 10،000 މެންބަރުން ހަމަވެއްޖެ އެވެ.
ޕީއެންސީއަށް 10،000 މެންބަރުން ހަމަވިކަން އެނގުނީ ދައުލަތުން ފައިސާ ދޭ ޕާޓީތަކުގެ ތެރޭގައި އެ ޕާޓީ ހިމެނުނުކަން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ހާމަކުރެއްވުމުންނެވެ. އެކްސްގައި ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބަޖެޓް އިއްޔެ ފާސްކުރުމާ ހަމައަށް 10،000 މެންބަރުން ހަމަވެފައި ވަނީ ޖުމްލަ ހަ ޕާޓީއަކަށެވެ.
އެއީ ޕީއެންސީގެ އިތުރުން ޕީޕީއެމް، އެމްޑީއޭ، އަދާލަތު، ޖޭޕީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެވެ.
މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އޭރުގެ މައި އިދިކޮޅު ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވަން އުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެއްވޭ ގޮތް ނުވުމުން، އެމަނިކުފާނު އޭރު އުޅުއްވި ޕާޓީ، ޕީޕީއެމްގެ ބަދަލުގައި، އެޕާޓީގެ އުޚުތު ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީން ކެންޑިޑޭޓެއް ނެރެން ދެ ޕާޓީން ނިންމި ނިންމުމެއްގެ ތެރެއިންނެވެ. އެހައިތަނަށް ޕީއެންސީ އަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކުޑަ ޕާޓީ އެވެ.
މުއިއްޒަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ޕީއެންސީގެ ސެނެޓްގައި ނެގި ވޯޓަކުންނެވެ. އެމަނިކުފާނު ޕީއެންސީއަށް ސޮއިކުރެއްވީ އެ ވޯޓު ނެގި ދުވަހު އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމުގެ ދައުރު ފެށްޓެވުމާ އެކު ޕީއެންސީގެ ރައީސަކަށް އެމަނިކުފާނު ވަނީ އައްޔަންކޮށްފަ އެވެ. ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް އެ ހިސާބުން ވަނީ ފަށައިފަ އެވެ.
މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ 3،159 މެންބަރުންނެވެ.
ނަމަވެސް ވެރިކަން ލިބުމާއެކު އެތައް ގުނައަކުން އިތުރުވަމުން ދާއިރު، އެޕާޓީގެ ކޯލިޝަން ޕާޓުނަރު، ޕީޕީއެމްގެ ކުރީގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވަނީ ޕީއެންސީ/ޕީޕީއެމްގެ ލީޑަރުޝިޕާ މެދު ހިޔާލުތަފާތުވުން އުފެދި ޕާޓީން ވަކިވެވަޑައިގެން، މޯލްޑިވްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ދަތުރު ފަށައިފަ އެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމުގެ ކުރިން ވަނީ ޕީޕީއެމް މެންބަރުން ޕީއެންސީއަށް ބަދަލު ވާން ނުޖެހޭ ކަމަށާއި، އަސްލު ޕާޓީއަކީ ޕީޕީއެމް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ޕީޕީއެމުގެ އޮފީސް ދޫކޮށް ޕީއެންސީން ވަނީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތަށް އައު އޮފީހެއް ވެސް ގާއިމުކޮށްފަ އެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެއަށްފަހު އެވެ.












