ރިޝްވަތު ހިފުމާއި މަނީލޯންޑަރިން ގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ނުފުއްދަވާތީ ސުވާލުކުރުމުން ސަރުކާރުން އެ ސުވާލަށް މިއަދު ވެސް ވަރަށް ފިނި ޖަވާބެއް ދީފި އެވެ.
ޔާމީނުގެ ލީޑަޝިޕްގެ ދަށުގައި ކޯލިޝަނެއްގެ ގޮތުގައި ކުރިން ހިންގަމުން އައި ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީނު މިނިވަން ކުރައްވާނެ ކަަަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަތަރު ހަފުތާގައި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފްސީލު ދޭން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "ޗެނަލް 13" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ "ޗެނަލް 13" އިން ކުރި ސުވާލުގައި އެހީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީނު މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެފައި ވާއިރު މިނިވަން ވެވަޑައިނުގަންނަވަނީ ކޮންކަމެއް ނުވެގެންތޯ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވޭ ޝަރުއީ ނިޒާމުގެ ތެރެއަށް އޮތް ނުފޫޒު ނިމުމަކަށް ގެންނަން ޖެހޭ ވާހަކަ. އެ ނިމުން ގެނައުމުގެ ތެރެއިން ހާސިލުކުރަން ބޭނުންފުޅުވާ އަމާޒުތަކެއް، މަގުސަދުތަކެއް ހުރިކަން. އެކަމަށް ޓަކައި ހަފުތާ 14 ގެ ތެރޭގައި ވެސް ކަންތައްްތަކެއް ހިމެނިފައިވޭ، އެ މަސައްކަތްތައް ބާރަށް ކުރެވެމުން އެބަދޭ،" ފިރުޒުލް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ހަދަން ޖެހޭ ގާނޫނުތަކާއި ގާނޫނުތަަކަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ކުރީގެ ސަރުކާރުން ދިން ލުޔެއް ފިޔަވައި އެހެން ލުޔެއް ދީފައި ނުވާކަން ފާހަގަކޮށް، އެމަނިކުފާނަށް އިތުރު ލުޔެއް ދީފާނެތޯ ކުރި ސުވާލަށް ފިރުޒުލް ޖަވާބެއް ނުދެއްވަ އެވެ.












