ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވި ދެ ބޭފުޅުންނާ އެކު މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިނުގަންނަވާ، މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ އަދަދު 21 އަށް އަރައިފި އެވެ.
އެ މަގާމަށް އައްޔަނުކުރީ މުސްތަރީގެ, ކ. މާފުށި, އަހްމަދު ނަސީރު އާއި ދަފްތަރު ނަންބަރު: 99031, އަހްމަދު މުނައްވަރެވެ.
މި ދެ ބޭފުޅުން ވެސް އައްޔަނުކުރީ މިނިސްޓަރުންގެ ފެންވަރުގައި ކަމަށްވާއިރު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު މިހާރު އެ މިނިސްޓްރީގައި މިނިސްޓަރުން ފެންވަރުގެ ތިން ބޭފުޅުން ތިއްބަވާނެ އެވެ. މިއީ އެއް މިނިސްޓްރީއަކަށް އެންމެ ގިނައިން މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ތިއްބެވި މިނިސްޓްރީ އެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޖޫން 22, 2016 ގަ އެވެ. ޔާމީންގެ ވެރިކަން ނިމެންދެން އެ މަގާމު އޭނާ ފުރުއްވި އެވެ.
ނަސީރަކީ އޮގަސްޓު 24, 2017 އިން ފެށިގެން ޖުލައި 24, 2019 ގެ ނިޔަލަށް ގަވަރުނަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެެއްވީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އޭރުގެ އިސްވެރިޔާ އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރުމުން މަޖިލީހުން މާލިއްޔަތު ކޮމިޓީން ބަލަމުން ދަނިކޮށެވެ.

ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު, 2018 ގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކައިރިވެފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނުމާ ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން, އެފަދަ މައްސަލަތައް ކަމާގުޅޭ އިދާރާތަކަށް ނުފޮނުވުމަށް ނަސީރު އެންގެވި ކަމަށް އެފްއައިޔޫގައި ހުންނެވި އަބްދުالله އަޝްރަފް އޭރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާާޅުވެފައިވެ އެވެ. އެ ތުހުމަތުތައް ނަސީރު ދޮގުކުރެއްވި އެވެ.
މިނިސްޓަރުން ފެންވަރުގައި 21 ބޭފުޅުން
މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާއިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އެމަނިކުފާނު ވަނީ 21 ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ.
އޭގެ ތެރެއިން ދެ ބޭފުޅުން އައްޔަންކުރެއްވީ މުސާރަ ނުލިބޭ ގޮތަށެވެ. އެއީ ރައީސަށް ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާއިން ލަފާ ދެއްވުމަށް އައްޔަނުކުރި ދެ އެޑްވައިޒަރުންނެވެ.
މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކާ އެއްކޮށް 66,000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1,254,000ރ. ހޭދަވާނެ އެވެ.
ކެބިނެޓު ވަޒީރުން ހިމެނޭހެން 43 މިނިސްޓަރުން ފެންވަރުގެ ބޭފުޅުން މި ސަރުކާރުން އައްޔަނުކޮށްފައިވާއިރު އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކަށް 2,706,000ރ. މަހެއްގެ މައްޗަށް ހޭދަވާނެ އެވެ.












