ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
އެ މަގާމަށް ރައީސް އައްޔަނުކުރެއްވީ މއ. ރެސްޓިންހައުސް, ފާތިމަތު އިނާޔާ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ފޮރިން ސެކްރެޓަރީއަކަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ މަގާމަށް އިނާޔާ އައްޔަނުކުރުމުގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ. ފޮރިންސް ސެކްރެޓަރީގެ މަގާމަށް އިނާޔާ ހަމަޖައްސާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ނިމިގެންދިޔަ ސަރުކާރުގައި ފޮރިން ސެކްރެޓަރީއަކަށް ހުންނެވީ ހ. ސީވީޑް, އަހްމަދު ލަތީފެވެ. އޭނާއަށް ވަނީ ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ވެސް އަރުވާފަ އެވެ.











