މި ސަރުކާރުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ކަމަށް އިއުލާނުކުރި 77 ސިފައިންގެ އަދަދު މިހާރު މަތިވެފައިވާ ކަމަށް ބުނަނީ ސެނަހިޔާގައި ތިބި އެ ގައުމުގެ ނުވަ ޑޮކްޓަރުން ލައިގެން ކަމަށް އިންޑިއާގެ އިސް އޮފިޝަލަކު ބުނެފި އެވެ.
މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދެއްކި އިންޑިއާގެ އޮފިޝަލު ވިދާޅުވީ، ސަރުކާރުން އިއުލާންކުރި އަދަދުގެ އިތުރަށް ތިބޭނީ ސެނަހިޔާގައި ތިބި ނުވަ ޑޮކްޓަރުން ކަަމަށެވެ. އެއީ މިލިޓަރީ ޑޮކްޓަރުން ކަމުން އެ މީހުން އެއްކޮށްލުމުން ޖުމްލަ ސިފައިންގެ އަދަދު 86 އަށް އަރާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފަސް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ހަތަރު ޕެރަމެޑިކުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ސަރުކާރުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އޮތް އިންޑިއާއިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓު ކުރުމަށް ތިބީ ޖުމްލަ 77 ސިފައިން ކަމަށް ވިދާޅުވީ ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އެވެ.
ނަމަވެސް ރަސްމީ ދަތުރެއް ނިންމާލެއްވުމަށްފަހު ރައީސް ވަނީ އެ އަދަދު އަދި މުޅީން ކަށަވަރު ނުވާ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހަފުތާ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ އެ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ.

"ލިބުނު ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި, 77 އިން 89 އަށް އެބަދޭ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ އިތުރު ވެސް ވެދާނެ," އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް, އޭގެ ފަހުން ސަރުކާރުން މިކަމާ ގުޅޭ ސުވާލަކަށް ޖަވާބު ދީފައެއް ނުވެ އެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް އިންޑިއާ ސިފައިންގެ ސުވާލުކުރުމުންވެސް ފިރުޒުލް ވިދާޅުވީ އެއީ 'މައުލޫއާ ނުގުޅޭ' ސުވާލުތަކެއް ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ވަނީ އިންޑިއާގެ އާތު ސައިންސެސް މިނިސްޓަރު، ކިރެން ރިޖިޖޫގެ އަރިހުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް އެދިފަ އެވެ.
އަދި ކޮޕް28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އިންޑިއާގެ ނޫސްތަކުން، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުން މިހާތަނަށް ދެ ގައުމުން މިފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.












