ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މ. ކޮތަންމާގެ، މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ. އޯކިޑް، ޑރ. އިރުތިޝާމް އާދަމް އައްޔަންކުރުމަށް ރުހުން ހޯއްދަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އިރްތިޝާމް އާއި މުންދު އަކީ ކުރީގެ ސަރުކާރުތަކުގައި އެކި މަގާމްތައް ފުރުއްވާފައިވާ ދެ ބޭފުޅުންނެވެ.
އިރްތިޝާމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނީވާގައި ހުންނަ ޔޫއެންގެ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުކަން ވެސް އޭނާ ކުރެއްވި އެވެ. އިޓަލީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމު ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އިރްތިޝާމް ފުރުއްވި އެވެ.
އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވާފަ އެވެ.
މުންދު އަކީ އާ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި ބޭފުޅެކެވެ.

އޭނާ އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާރިޖީ މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާންކަން ވެސް ކުރެއްވި އެވެ.
އަދި އެއަށްފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން މުންދު ކުރެއްވި އެވެ. ޔާމީންގެ ވެރިކަމުގައި، ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައި ޖަޕާނާއި ސްރީލަންކާގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވި އެވެ.













