ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީ ކޯލިޝަނުން އެންމެ ގަދަޔަށް ފާހަގަކުރި ދެކަން ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންކުރުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅުވައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަން އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ދެކޮޅު ހައްދަވައިފި އެވެ.
އެގޮތުން ނޫސްވެރިން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރަށް ކަށަވަރުވެއްޖެތޯ އަދި ވައުދާ އެއްގޮތަށް ޔާމީނު މިނިވަންކުރަން ކިހާ މުއްދަތެއް ނަގާނެތޯ ސުވާލު އުފައްދާފަ އެވެ. ނަމަވެސް ތަކުރާރުކޮށް ނޫސްވެރިން ކުރިމަތި ކުރި ސުވާލުތަަކަށް ފިރުޒުލް ދެއްވީ ބީރު ކަންފަތެކެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވަނީ ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, ތުރުކީ އަދި އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ އަދަދު ކަށަވަރު ނުވާ ކަމަށާއި 77 އާއި 89 އަކާ ދެމެދުގެ އެކި އަދަދުތައް ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
ސާފު އަދަދެއް އަދިވެސް ހާމަކޮށްފައި ނުވާއިރު އޭގެ ފަހުން ސަރުކާރުން ބޭއްވި ހުރިހާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ފެށިގެން ފިރުޒުލް އާ ހަމައަށް ވަނީ "މައުލޫއާ ނުގުޅޭ" ކަމަށް ވިދާޅުވެ އިންޑިއާ ސިފައިންގެ ސުވާލަށް ޖަވާބުދޭން ދެކޮޅުހަދާފަ އެވެ.
ޔާމީނު މިނިވަންކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވީވެސް ޔާމީނުގެ މައްޗަށް އިއްވާފަ އޮތް 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތްވުމުންނެވެ.

ވެރިކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވިތާ ހަތަރު ދުވަސް ތެރޭގައި ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކެއް ސަބަބުން ކަމަށް ވިދާޅުވެ، ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ. ޔާމީނަކީ ޗެލެންޖަކަށް ނުވާނެ ފަދަ މޭރުމަކު ރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އޭގެ ފަހުން ޔާމީނާ ގުޅިގެން ސަރުކާރަށް ކުރިމަތިވަމުންދާ ސުވާލުތައްވެސް، ރައީސުން ފެށިގެން ފިރުޒުލް އާ ހަމައަށް ލޭބަލް ކުރައްވަނީ "މައުލޫއާ ނުގުޅޭ" ސުވާލުތަކެއްގެ ގޮތުގަ އެވެ.













