ބޯންމެރޯގެ ފަރުވާ ބޭނުންވާ ހުރިހާ ކުދިންނަށް އެ ފަރުވާ ފޯރުކޮށްދީ ރާއްޖޭގައި އެ ފަރުވާއަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް ގާއިމު ކުރުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ތަފްސީލު ކޮށްދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ, ޕަބްލިކް ޕޮލިސީ, މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވަނީ ސަރުކާރުން ކުރު ރާސްތާ, މެދު ރާސްތާ އަދި ދިގު ރާސްތާގައި ތެލެސީމިއާ ބައްޔާ ގުޅިގެން ކުރަން ރާވާފައިވާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ.
"ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ވަނީ ނިންމަވާފައި," ފިރުޒުލް މިއަދު ވިދާޅުވި އެވެ.
ރާއްޖޭން ނުލިބޭ ބޭސް، އާސަންދައިގެ ހަރަދުގައި އެސްޓީއޯ މެދުވެރިކޮށް މިހާރު ވެސް ފޯރުކޮށްދެ އެވެ.
މި ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ހޮސްޕިޓަލް ގާއިމުކުރާނީ މާލެ ސަރަހައްދުގައި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ބޯންމެރޯ ހެދުމަށް 40 ކުދިން ތިބި ކަމަށާއި ސިއްހީ ގޮތުން އެ ފަރުވާއަށް 35 ކުދިން ކޮލިފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ.
އެގޮތުން ހޮސްޕިޓަލުންދޭ އިރުޝާދުތަކަށް އެއްބާރުލުންދީ, ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް, ރާއްޖެ އައުމަށްފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އިލްތިމާސް ކުރެ އެވެ. ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ.












