ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް މިދިޔަ މަހު 17 ގައި ބޭއްވި ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުން ހަރަދަކުރީ 23 މިލިއަން ރުފިޔާކަން އިނގިއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި ހުށަހެޅުމަށް މަޖިލީހުން ވަނީ އެ ރަސްމިއްޔާތައް އެ އިދާރާއިން ކުރި ހަރަދުގެ ތަފުސީލުތައް ހާމަކޮށްފަ އެވެ. އެގޮތުން, އެ ރަސްމިއްޔާތަށް ޖުމްލަ 23،228،735.58ރ. ހަރަދުވެފައިވާ ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ރަސްމިއްޔާތަށް ޖުމްހުރީ މައިދާން ތައްޔާރުކުރުމަށް ހަރަދުކުރި: 22،938،980.75ރ.
- ގައުމީ ދިދަތަކާއި އަދި ރައީސުލްޖުމްހުރިއްޔާގެ ދިދަތައް ތައްޔާރުކުރުމަށް ހަރަދުވި: 33،210ރ.
- އިންވިޓޭޝަން ކާޑުތައް އިނގިރޭސި ދިވެހި، އިދާރީ ޕްރޮގްރާމުތައް އިނގިރޭސި ދިވެހި، ކުލަ ކާޑު އަދި ސެކިއުރިޓީ ކާޑު ޕްރިންޓުކޮށް ކެފުމަށް ހަރަދުވި: 152،195.23ރ.
- ހުވާތައް (ކިޔާ ގަނޑު އަދި ސޮއިކުރާ ގަނޑު) ތައްޔާރުކުރުމަށް ހަރަދުވި: 24،235ރ.
- މޫސުން ތަންނުދޭނަމަ، ޕްލޭންބީ އެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމާރާތް ތައްޔާރު ކުރުމަށް ބޭނުންވާ ސްޓޭޖް ފަޅިތައް ހެދުމަށާއި އެ ސްޓޭޖުފަޅިތަކުގައި ކާޕެޓު އެޅުމަށް ބޭނުންވާ ކާޕެޓު ގަތުމައް ހަރަދުވި: 80،114.40ރ.
ރައީސް މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް މަޖިލިސް އިދާރާއިން ހަވާލުކުރީ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރި ސްޓޭޖު. އެ ތަނަށް 22 މިލިއަން ހޭދަވި --- ފޮޓޯ: މަޖިލިސް އިދާރާ
މި ރަސްމިއްޔާތަށް 46 ގައުމަކުން 190 އިސް އޮފިޝަލުން ހިމެނޭހެން 3،500 އެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރާއި އާ ސަރުކާރުގެ އިސް ފަރާތްތަކާއި ދައުލަތުގެ އިއްޒަތްތެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެ އެވެ.

އެ ދުވަހު ހަވީރު އޮތް ރައީސް އަދި ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ވަޒީރުން ހުވާކުރެއްވުމަށްފަހު، އެ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ޖާފަތެއް ވެސް ކުރިއަށްގެންދިޔަ އެވެ. އެ ޖާފަތުގައި ބައިވެރިވީ އާ ސަރުކާރުގެ އިސް ފަރާތްތަކާއި ބޭރު ގައުމުތަކުން ހަފުލާއަށް ވަޑައިގެންނެވި ފަރާތްތަކުންނެވެ.
ނަމަވެސް, އެ ޖާފަތް ކުރިއަށްގެންދިޔައީ މަޖިލީހުގެ އިދާރާއިން ކަމަށް ނުވާތީ އެ އިދާރާއިން އެ ޖާފަތަށް ދިޔަ ހަރަދު ހާމަކޮށްފައެއް ނުވެ އެވެ.
އެންމެ ފަހުން 2018 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަފުލާއަށް ހަރަދުކުރީ 10 މިލިއަން ރުފިޔާ އެވެ.












