މަސްވެރިންނަށް މިހާރު ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، މަސްވެރިންނަށް ނުދެވި އެތައް މިލިއަން ރުފިޔާ ހުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ. އޭގެ ތެރެއިން، ދެ ބުރެއްގެ މަތިން 30 މިލިއަން ރުފިޔާ އަދި 160 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެހެންނަމަވެސް، އަދިވެސް 140 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މަސްވެރިންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައި ހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދޭން މި ވަނީ ފަށާފައި. މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ، މި ފައިސާ ވެސް ވީ އެންމެ އަވަހަކަށް މަސްވެެރިންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023" ގައި މަސްވެރީންނަށް ކުރިމަތިވެފައިވާ ދަތިތަކާ ކަންބޮޑުވުންތައް ރައީސަށް ދަންނަވާފަ އެވެ.

މަސްވެރިންގެ ޝުއޫރުތަކާ، ސުވާލުތަކާއި ގުޅިގެން ރައީސް ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުން ހުރީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާ ކުރަން ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.
މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ވައުދުވެފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރުމާއި މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ގުންޒަރުގައި، ރައީސަށް މަސްވެރިންގެ ސުވާލުތައް އަމާޒުކުރީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނި ކަންކަމަށެވެ. އެއިން ކޮންމެ ވައުދެއް ވެސް، ފުއްދާނެ ގޮތް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވި ކަމަށެވެ. މަސްވެރިންގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ އެކިއެކި ފަރާތްތަކުން ވެސް ވަނީ އެ ގުންޒަރުގައި ބައިވެރިވި އެވެ. އެ ގުންޒަރުގައި މަސްވެރިންނާއި މަސްވެރިކަމާ ގުޅޭ ތަފާތު އެކި ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.













