ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން ވެސް ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅާފައި ވާކަމަށާއި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ބަޔާންތައް އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް 'އަދަދު" އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ބަޔާންތައް އާންމު ކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކަމަށެވެ.
"ދެ ބޭފުޅުން ވެސް ބަޔާން ހުށަހަޅާފައި އޮތީ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އާންމު ކުރާނަން،" ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުހެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވީ ހުސްވި ނޮވެމްބަރު 29 ގަ އެވެ.
އިންތިހާބަކަށްފަހު ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަދުތައް ކުރި ގޮތުގެ ތަފުސީލު ހިމެނޭ މާލީ ބަޔާނެއް ހުށަހެޅުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެކެވެ. އެ ބަޔާނުގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލުގެ އިތުރުން، ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު ހިމަނަން ޖެހޭނެ އެވެ.

އޭގެއިތުރުން ކެންޑިޑޭޓުގެ ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ އެކައުންޓު ސްޓޭޓުމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭ ފައިސާގެ ރަސީދު، އިންވޮއިން އަދި ބިލު ކޮޕީ އެ ބަޔާނާއެކު ހުށަހަޅަންޖެހޭނެ އެވެ.
ނަމަވެސް ގާނޫނުގައި ލާޒިމު ކުރާ ހުރިހާ އުންސުރެއް ހަމަކޮށް ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ ކަމުގެ ކަންބޮޑުވުން ކޮންމެ އިންތިހާބަކަށްފަހު ވެސް އޮވެ އެވެ.
ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ދެ ރައީސުން، އިބްރާހިމް މުހައްމަދު ސޯލިހުއާއި ޔާމީން ގައްޔޫމް ވެސް އޭރު ހުށަހެޅުއްވީ މުޅިން ފުރިހަމަ ނުވާ މާލީ ބަޔާންތަކެކެވެ.
ގާނޫނުގައި ބަޔާންކުރާ ތަކެތީގެ ތެރެއިން ސޯލިހުގެ މާލީ ބަޔާނުގައި ފުރިހަމަ ވަނީ ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުގެ ތަފުސީލު އެކަންޏެވެ. ޔާމީންގެ މާލީ ބަޔާނުގައި އެ ތަފުސީލުތަކުގެ އިތުރަށް ޔާމީނަށް ފައިސާ ޖަމާކޮށްދިން މީހުންނާއި ކެންޑިޑޭޓުގެ ކެމްޕޭން އެކައުންޓަށް ފައިސާ ފޮނުވި ބޭންކު ސްޓޭޓްމަންޓްތައް ހިމަނާފައިވެ އެވެ.
ޔާމީނާއި ސޯލިހުގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް އޭރު ވިދާޅުވެފައިވެ އެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލީހުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންސްގައި ވެސް އެ މައްސަލަ ފާހަގަވެފައިވެ އެވެ.
2009 އަދި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަމަށް ފުއާދު ވިދާޅުވެފައިވެ އެވެ.
ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެއްވެސް މައްސަލައެއްގައި ދައުވާއެއް ކޮށްފައި ނުވެ އެވެ.
މިއަހަރު ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަނުވުމުން އީސީން ނިންމީ އެއިން ކޮންމެ ކެންޑިޑޭޓަކު 6،000 ރ. އިން ޖޫރިމަނާ ކުރުމަށެވެ.
އިލެކްޝަންސްގެ ވިސްނުން މިހާރު ހުރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، އެ އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރުމަށެވެ. އަދި ކެމްޕެއިން ހިންގުމުގައި ގޯހެއް އުޅޭނަމަ އެ ކަން ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަށެވެ.












