އާބަންކޯ އާ ގުޅޭ ޝަކުވާތަކާއި ސުވާލުތައް ސީދާ އެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ހިއްސާ ކުރެވޭނެ ގޮތެއް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.
އެގޮތުން، އެކުންފުންޏާ މެދު އުފެދޭ ސުވާލުތަކާއި ޝަކުވާތަށް "އާސްކް އެމްޑީ" މެދުވެރިކޮށް ސީދާ ފަޒުލްއާ ހިއްސާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކޯޕަރޭޝަންގެ އެމްޑީ އަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެސެއް މިހާރު އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން، askmd@urbanco.mv އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ، މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
އެ ބަދަލުގެ ސަބަބުން، ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާންމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ އާބަންކޯ އާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތަކާއި ސުވާލުތަކަށް ހައްލު ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިހާރު ވެސް ރައްޔިތުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އާބަންކޯ އިން އަންނަނީ ކުރަމުންނެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުންދާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.












