ރާއްޖެ އަކީ ކޮރަޕްޝަނާ ބީރައްޓެހި ގައުމެއް ކަމަށާއި ސަރުކާރު ހިންގާނީ ކޮރަޕްޓް ނުވެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފެށެނީ ތިމާއާ ހަމައިން ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެއީ، ކޮންމެ މީހަކު ވެސް، އަމިއްލަ ނަފްސުގެ މައްޗަށް ހޯދަންޖެހޭ ކާމިޔާބެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.
"މި ހެޔޮ ބަދަލު އަމިއްލަ ނަފްސަށް ގެނެސްގެން އެތައް ބަޔަކު ކުރާ ތެދުވެރި މަސައްކަތަކުން ހެޔޮ ބަދަލު ދުނިޔެއަށް ގެނެވޭނެ، ކޮރަޕްޝަނަށް ނޫނެކޭ ބުނަން ކެރޭނެ، ބުނަން އެނގޭނެ،" ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އަމިއްލަ ނަފްސު ދެ ހާލަތެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ކަމަކަށް ބޭނުންވާ މީހާގެ ހާލަތާއި އެ ބޭނުން ފުއްދައިދޭން ހުންނަ މީހާގެ ހައިސިއްޔަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ކަމަކަށް ނުވަތަ ހިދުމަތަކަށް ބޭނުންވާ މީހާ އުސޫލުން ބޭރުން އެ ކަމަކަށް ނޭދޭ ކަމުގައި ވާނަމަ، އެ ހިދުމަތް ދޭން ހުންނަ މީހާއަށް، އެއްވެސް ތަކުލީފެއް ކުރިމަތިކުރުވުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ހިސާބުން، ކޮރަޕްޝަނަށް ހުޅުވިފައި އޮންނަ ވަރަށް ބޮޑު ދޮރެއް ބަންދު ކުރެވޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޓްވުމަކީ ރަނގަޅު ގޮތް ދޫކޮށްލައި އިންސާފާއި ހަމަ އިން އެއްކިބާވެ، ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. އެ އުސޫލުން، ކޮރަޕްޝަންގެ އެއްވެސް އަމަލެއް މި ސަރުކާރުން ނުހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަރުވާ ޔަގީންކަމަކީ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނަން ކަން، އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެނަމަ އަޅަންޖެހޭ ގާނޫނި ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެކަން، ހިޔާލު ތަފާތުވުމެއް އެކަމުގައި ނޯންނާނެކަން," ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ދިވެހިންގެ ތެރޭގައި ކޮރަޕްޝަނާ މެދު ހޭލުންތެރިކަން އިތުރުކޮށް ނަޒާހާތްތެރި ބަޔަކަށް ހެދުމަށް އިލްމީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަނަކީ ސިޔާސީ އަދި މާލީ ގޮތުން މަތީ ފަންތީގެ މީހުންގެ ތެރޭގައި ހިންގާ އަމަލެއްގެ ގޮތުގައި ދެކެވޭ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އިޖުތިމާއީ ސިޔާސީ ހަރުގަނޑުން މައްޗަށް އެރޭ ވަރަކަށް، އަމާނާތްތެރިކަން އިސްކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ރައީސް ދެކިލައްވާ ގޮތުގައި ކޮރަޕްޝަނަކީ ދިވެހިންނާ ވަރަށް ބީރައްޓެހި ކަމެކެވެ. ވަރަށް މަދުން އެފަދަ ކަމެއް ހިނގާފައި ހުރި ނަމަވެސް، ތާރީހަށް ބަލާއިރު ބޭރުގެ ލިޔުންތެރިން ލިޔެފައިވާ ލިޔުންތަކުން ފެންނަން ހުރީ ދިވެހިންގެ މާތް ސިފަތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކައިގައި، 2007 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނީއްސުރެ، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރެއްވި އެވެ.
މިއަހަރުގެ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔުނައިޓިން ދަ ވޯލްޑް އަގެއިންސްޓް ކޮރަޕްޝަން" އެވެ.












